ޚަބަރު

އައިޔޫއެމްގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


އިސްލާމިކް ޔުނިވަރސިޓީ އައިޔޫއެމްގެ 2021ވަނަ އަހަރުގެ ފުރަތަމަ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. އަންނަ އަހަރު އެ ޔުނިވަރސިޓީން 50ކޯހެއް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. މީގެތެރޭގައި މާސްޓަރސް ލެވެލްގެ 10 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯހާއި، ބެޗްލަރސް ލެވެލްގެ 9 ކޯހާއި، އެސޯސިއޭޓް ޑިގްރީގެ ކޯހެއް އަދި ޑިޕްލޮމާގެ ކޯހަކާއި އެކު ސެޓްފިކެޓް ލެވެލްގެ 17 ކޯހެއް ހިމެނެއެވެ.

ކޯސްތަކަށް ހުޅުވާލާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހު، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

2021ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީއާއި، ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ފުރަތަމަ ފަހަރަށް ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުގައި ކުރިއަށްގެންދާނެއެވެ. އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރ ތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ %100 ޓިއުޝަން ފީ ހިލޭ ކުރިއަށްގެންދާ ކޯސްތަކެކެވެ.

މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ފޯމު ހުށައަޅަންޖެހެނީ 29 ޖެނުއަރީ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށެވެ. އައިޔޫއެމްއިން ލ.ފޮނަދޫ އާއި ފުވައްމުލަކު ސިޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމް އައިޔޫއެމްގެ ލަރނިންގ ސެންޓަރުތަކަށް ހުށައެޅުމަށް ޔުނިވަރސިޓީންވަނީ އަންގާފައެވެ.