ވިޔަފާރި

އައިއެލްޓީއެމް ވަރލްޑް ޓުއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގެ 3 ހިސާބެއްގައި ކުރިއަށް ގެންދާ އައިއެލްޓީއެމް ވަރލްޑް ޓުއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ. ތިން ހަފްތާއަށް ކުރިއަށްދާ މި ޓުއަރގެ މުޅި އިވެންޓްގައި ބައިވެރިވުމަށް އެމްއެމްޕީއާރުސީންވަނީ ނިންމާފައެވެ.

މި އިވެންޓް ކުރިއަށް ގެންދާނީ:

* އޭޝިއާ ޕެސިފިކްގައި ނޮވެމްބަރ 17، 18 އަދި 19 ގައި
* ޔޫރަޕް، މިޑްލް އީސްޓް އަދި އެފްރިކާގައި ނޮވެމްބަރ ، 23، 24 އަދި 25 ގައި
* ނޯތު އަދި ސައުތު އެމެރިކާގައި، ޑިސެމްބަރ 1، 2 އަދި 3 ގައި

އައިއެލްޓީއެމް ވަރލްޑް ޓުއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ލަގްޒަރީ ބައިގައި ވަކި ޚާއްސަ ކޮލިފިކޭޝަންތަކެއް ލިބިފައިވާ ބަޔަކަށް އަމާޒުކޮށްގެން ބާއްވާ އިވެންޓެކެވެ. މިއިވެންޓް ފަރުމާ ކޮށްފައިވަނީ ކޮންމެ ބައިވެރިއެއްވެސް ދައްކުވައިދޭން ބޭނުންވާ ބައިތަކުގެ އިތުރުން އެބައިވެރިއެއްގެ މުޖުތަމަޢާއި ގުޅޭ އަދި އެކަށީގެންވާ ގޮތަކަށެވެ.

މިއިވެންޓް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ނިންމީ ކޯވިޑް-19 ގެ ސަބަބުންނެވެ. ނަމަވެސް މި އިވެންޓް އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ވިޔަފާރިވެރިންނަށް އެންމެ ފަސޭހަ ގޮތުގެ މަތިން އެއްވެވޭނެ ޕްލެޓްފޯމެއް ގާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ވިޔަފާރިވެރިންނަށް ލިބިގެންދާ ފުރުސަތު ތަކުގެ ތެރޭގައި ގަނެވިއްކުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ފުރުސަތާއި މީޓިންގތައް ބޭއްވުމުގެ ފުރުސަތާއި ލީޑްތައް ބެލެހެއްޓުމަށް ޚާއްސަ ޑޭޝްބޯޑެއް ބޭނުން ކުރުމުގެ ފުރުސަތު ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ އިތުރުން ކޮންރަޑް މޯލްޑިވްސް ރަންގަލި އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ވެސް މި އިވެންޓްގައި ބައިވެރިވާނެއެވެ. މިފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މުއްސަނދި ފަތުރުވެރިންނަށް ނިސްބަތްވާ ހިސާބުތަކުގެ އެޑްވައިޒަރުން އަދި ކޮންސަލްޓަންޓުން އަދި ޑިޒައިނަރުތަކާއި ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އަހަރު އެމްއެމްޕީއާރުސީން ބައިވެރިވާ މީޓިންގތަކުގައި ބޮޑަށް އަލިއަޅުވާލެވޭނީ ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން އެކުލެވިފައިވުމުގެ އިތުރުން ކޯވިޑް-19ގެ ސަބަބުން އެޅިފައިވާ ހަރުދަނާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. އެއީ ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އަދި މަގުބޫލު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޭނުމުގައެވެ.