ދުނިޔެ

އިންތިގާލީ ވަފުދަށް ފުރުޞަތު ނުދޭނަމަ ގިނަ ޢަދަދެއްގެ މީހުން މަރުވެދާނެ: ބައިޑަން


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު ދެކޮޅު ހައްދަވައި އައު ސަރުކާރުގެ އިންތިގާލީ މަރުހަލާއަށް ބަލިމަޑުކަމެއްގެ ތެރޭގައި ހުރަސް އަޅާނަމަ ގިނަ ޢަދަދެއްގެ މީހުން މަރުވެދާނެކަމުގެ އިންޒާރު އިންތިޚާބީ ރައީސް، ޖޯ ބައިޑަން ދެއްވައިފިއެވެ.

އެމެރިކާގެ ބޮޑެތި ވިޔަފާރަވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ބައިޑަންވަނީ ހިޠާބެއް ދެއްވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެމެރިކާގެ މިހާރުގެ އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ކޯވިޑްގެ ސަބަބުން ހީނަރުވެފައިވާ އެމެރިކާގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށް ވިޔަފާރިއާއި މަސައްކަތްތެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އިސް ފަރާތްތަކުން އިޝާރާތް ކޮށްފައިވާކަމަށެވެ. ނަމަވެސް އެކަން ޙާޞިލްކުރެވޭނީ ބަލިފެތުރޭ މިންވަރު ކޮންޓްރޯލުކޮށްގެންކަމަށް ބައިޑަން ވިދާޅުވިއެވެ.

އަންނަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުންދާ ޖޯ ބައިޑަންއަށް ކުރިމަތިލަވަންޖެހިވަޑައި ގަންނަވާނީ ކޯވިޑްގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ އިޤްތިޞާދަކާއެވެ. ބަލިމަޑުކަމުގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ އެމެރިކާގެ އެތައް މިލިއަން މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. އެމެރިކާގައި މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 246،000 މީހުން މަރުވެފައިވާއިރު ކުރިއަށް އޮތް ފިނި މޫސުމުގައި ބަލިފެތުރޭ މިންވަރު އިތުރުވާނެކަމަށް ބައިޑަން ވިދާޅުވިއެވެ. ކަންކަން ފަސޭހަވާން ފެށުމުގެ ކުރިން އަދިވެސް އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާންޖެހޭނެކަމަށް ބައިޑަން ފާހަގަކުރެއްވިއެވެ.

ބައިޑަންވަނީ ޓްރަންޕުގެ ސަރުކާރަށް އިންތިގާލީ މަރުހަލާގައި އެއްބާރުލުން ދިނުމަށް ގޮވައިލައިފައެވެ. ބަލި ކޮންޓްރޯލް ކުރުމާއި ގުޅޭ ރޭވުންތައް ރޭވުމުގެ ފުރުޞަތު އިންތިގާލީ ވަފުދަށް ނުދީފިނަމަ ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބައިޑަން ވިދާޅުވިއެވެ. ބައިޑަން ވިދާޅުވީ ރައީސް ޓްރަންޕު ބަލި ޤަބޫލު ނުކުރެއްވުމަކީ ބައިޑަންގެ މަސައްކަތަށް ހުރަސްއެޅޭނެކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޓްރަންޕުގެ ޢަމަލުފުޅަކީ އެމެރިކާއަށް ލިބޭ ލަދެއްގެ ގޮތުގައި ބައިޑަން ސިފަކުރެއްވިއެވެ.