ވިޔަފާރި

ބޯޑަރުތައް ހުޅުވާލި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ: މިއީ ފަތުރުވެރިކަން ކުރިއަރުވަން ލިބޭ ފުރުސަތެއް


ފަތުރުވެރިނަށް ބޯޑަރުތައް ހުޅުވާލި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއަރ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވާއިރު ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ނިންމެވި ނިންމެވުމަކީ މުހިއްމު ނިންމެވުމެއްކަމަށެވެ.

"ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން، ބޯޑަރު ހުޅުވިފަހުން މިހާރު ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައި، ފަތުރުވެރިކަން ކުރިއެރުވުމުގައި ސަރުކާރުން އެންމެ ބޮޑު އަހަށްމިއްޔަތެއް ދެނީ އާއްމުންގެ ރައްކާތެރިކަމަށާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް،" މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ތަފާތު ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށާއި އެގޮތުން އައިއެމްޓީއެމް ފަދަ ފެއަރތައް މުޙިއްމު ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

"އައިއެމްޓީއެމް 2020" އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއަރއެކެވެ. މިފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

މި ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރފަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ ކޯވިޑުގެ ހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފާހަގަކޮށްލެވޭ ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ޠައްޔިބު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ފަރާތުގެ ހައިސިއްޔަތުން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުން ގުޅިގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް މަރުހަބާ ކިޔަން. އަދި އަޅުގަނޑު ގަބޫލުކުރަނީ އޮންލައިން އަދި ޑިޖިޓަލް ހަރަކާތްތައް މުހިންމު ދަނޑިވަޅެއްގައި މިފަދަ ހަރަކާތްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް." ޠައްޔިބު ވިދާޅުވިއެވެ.

މިއީ އައިއެމްޓީއެމް ބާއްވާ ތިންވަނަ އަހަރެވެ. މިދިޔަ އަހަރުގެ އައިއެމްޓީއެމް ފެއަރ ބާއްވާފައިވަނީ ފަރުކޮޅުފުށީގައެވެ. މި ފެއަރގައި 300 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.