ޚަބަރު

އިސްލާމް ދީނުގެ ހިޔަލުގައި ދިވެހިރާއްޖެ 894އަހަރު


ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. އިސްލާމްދީނުގެ ޙިދާޔަތުގެ އަލިކަން ދިވެހިރާއްޖެއަށް ލިބުނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގެ 2ވަނަ ދުވަހުއެވެ.
އަޅުގަނޑުމެން މިއަދު ފާހަގަކުރަމުންމިދަނީ ދިވެހިރާއްޖެ އިސްލާމްވިތާ 894ވަނަ އަހަރެވެ.

ރާއްޖެ އިސްލާމްވުމާއި ގުޅޭ ވާހަކަތައް އެކި ގޮތްގޮތަށް އައިސްފައިވެއެވެ. ނަމަވެސް ތާރީޚީ ގިނަ ލިޔެކިޔުންތަކުން އެނގޭގޮތުގައި، އަދި އެކަމަކަށް ގިނަ ބަޔަކު ބަރޯސާވަނީ ރާއްޖެ އިސްލާމްވުން ގުޅެނީ މަޣުރިބުކަރައިގެ އިލްމުވެރިއަކާކަމަށެވެ. އެއީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

މީލާދީ ގޮތުން ބަލާއިރު ދިވެހިރާއްޖެއަށް އިސްލާމްކަން ލިބުނީ 1153ވަނަ އަހަރުއެވެ. އޭރު ރާއްޖޭގައި އޮތީ ރަސްކަމެކެވެ. އެދުވަސްވަރު ދިވެހިން އަޅުކަން ކުރީ ބުދު ދީނަށެވެ. ރަސްކަމުގެ ތަޙުތުގައި އޭރު އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު ރަސްގެފާނުގެ ނަންފުޅު އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށް ބަދަލުކުރެއްވިއެވެ. މި ރަދުންނަށް ދިވެހިން ނަން ދިނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުންނެވެ. ދަރުމަވަންތު މަހާރަދުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރައްވާފައެވެ.

ރާއްޖެ އިސްލާމްވިތާ 9ޤަރުނާއި ގާތްވެފައިވާއިރު، މިއަދުވެސް މުޅި ދިވެހިރާއްޖެއޮތީ، 1153ވަނަ އަހަރު ދިވެހިންނަށް ލިބުނު ޙިދާޔަތުގެ މަތީގައެވެ. އަޅުގަނޑުމެން މިއަދު މިދެކޭ ސައްތައިން ސައްތަ އިސްލާމީ ޤައުމަކީ މި ރަދުންނާއި އޭރުގެ އިލްމުވެރިން ކުރެއްވި ބުރަ މަސައްކަތްޕުޅެވެ.

ދިވެހިންގެ މި އެއްބައިވަންތަކަމާއި އަޚުވަންތަކަން ދެމެހެއްޓުމުގެ އެންމެ ބޮޑު އަސާސަކީވެސް މާތްވެގެންވާ އިސްލާމް ދީނެވެ. ދިވެހިންގެ ރީތި އާދަކާދައާއި ސިފަތަކަކީވެސް އިސްލާމްދީނުގެ މާތްވެގެންދާ ރިވެތި ޚުލްގެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުގައި ވަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަން ކަނޑައަޅާފައެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.

ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ލިބުނުތާ 894އަހަރު ފުރިފައިވާއިރު، މިކަން މިގޮތުގައި ބޭއްވުމަށް ކޮންމެ މީހަކުވެސް ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ.