ޚަބަރު

ނަހުލާއަށް ވަޒީރުކަން ލިބިވަޑައިގަތީ ޤާބިލުކަމުން - ޤާސިމް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކެބިނެޓުން ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއަށް އެ ފުރުޞަތު ލިބިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެކަމަނާކުރެއްވި މަސައްކަތްޕުޅުން ފެނިވަޑައިގެންނެވި ޤާބިލްކަމުގެ ސަބަބުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެކަމަނާގެ ފިރިކަލުން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފެމިލީ ވައިބާ ގްރޫޕްގެ ނަމުގައި ހިންގަމުންދާ ވައިބާ ގުރޫޕެއްގައި އެޕާޓީގެ މެމްބަރަކު، މިނިސްޓަރ ނަހުލާ ކެބިނެޓުން ފުރުޞަތު ލިބިވަޑައިގަތީ ޤާސިމްގެ އަނބިކަބަލަކަށް ވުމުންކަމުގައި ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންމިނިސްޓަރ ނަހުލާގެ ފިރިކަލުން ޤާސިމް އިބްރާހީމް ވިދާޅުވީ މިނިސްޓަރ ނަހުލާއަކީ ޤާބިލު ހަރުދަނާ ބޭފުޅެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ ނަހުލާއަށް ކެބިނެޓުން ފުރުޞަތުދެއްވީ، އެކަމަނާ ކެމްޕެއިން ދުވަސްވަރު ޖަލްސާތަކުގައި ދެއްކެވި ވާހަތަކާއި، ފެނިވެޑައިގެންވި ހަރުދަނާ ސިފަތަކުގެ ސަބަބުންކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިނިސްޓަރ ނަހުލާ އަކީ ކަންކަން ކުރެވޭ ޤާބިލްކަން ހުރި ހަރުދަނާ، ތައުލީމީ ބޭފުލެއްކަމަށެވެ. އެގޮތުން މިނިސްޓަރ ނަހުލާގެ ނަންފުޅު ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން އެމަނާއަށް ވަޒީރުކަން ހަމަޖެއްސެވީ އެކަމަނާގެ ޤާބިލްކަމާއި ކުޅަދާނަކަން ޚުދު ރައީސުލްޖުމްހޫރިއްޔާ އަށް އެގިވަޑައިގަންނަވާތީކަމަށް ޤާސިމް ވިދާޅުވިއެވެ. މިނިސްޓަރުކަން ދެއްވީ އެހުރިހާ ސަބަބުތަކަށް ބެލުމަށްފަހުގައިކަމަށް ޤާއިމް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ވަނީ ވަޒީރުކަން ލިބިވަޑައިގަތީ ޤާސިމް އިބްރާހީމްގެ އަނބިކަބަލުންނަށް ވުމުންތޯ ސިވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ވަކި މީހެއްގެ އަންބަކަށް ވީތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓަށް އައްޔަންކުރައްވާނެކަމަށް ޤަބޫލުފުޅު ނުކުރެވޭކަމަށެވެ.

މިނިސްޓަރ ނަހުލާގެ މިވާހަކަފުޅާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއިމެދު ރައްޔިތުންގެ މާބޮޑު ޝަކުވާއެއް ނެތްކަމަށާއި މިނިސްޓަރ ނަހުލާ ގެންދަވަނީ އަމާނާތްތެރި ކަމާއިއެކު މަސައްކަތަ ކުރައްވަމުންކަމަށް ވިދާޅުވެ އެކަމަނާއަށް ތަޢުރީފްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ، މިނިސްޓަރ ނަހުލާއަކީ އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުންދާ ބޭފުޅެއްކަމަށެވެ. މިނިސްޓަރ ނަހުލާއާއި، އެކަމަނާ ނިސްބަތްވާ މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިނގާފައިވާ ނުވާއިރު، މަޖިލީހުންވެސް އެމަނާ ޒިންމާދާރުވެ ޖަވާބުދާރީވުމަށް އެދިވަޑައިގަތް ކޮންމެ ފަހަރަކު ޒިންމަދާރުކަމާއިއެކު ޖަވާބުދާރީވެ ވަޑައިގެންފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރުކަމަށް ނަހުލާ އައްޔަންކުރެއްވުމުން ކުރިން އެކަމަނާއަށް އަމާޒުވި ފާޑުކިއުންތަކަށް މިނިސްޓަރ ވިދާޅުވެފައިވަނީ އޭރު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ނުދެއްވީ އަމަލީ މަސައްކަތްތަކުން އެކަން ދައްކަވަންކަމަށެވެ. އެހެންކަމުން އޭނާއަށް ކުރެއްވުނު މަސައްކަތްތަކާ އެކު މިހާރު ރައްޔިތުން އޭނާ ބަލައިގަންނަ ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވަން ޖެހުނު ހިސާބުން ވެސް އެއީ ކިހާ ގޮންޖެހުންތައް ބޮޑު ތަނެއްކަން އެނގިވަޑައިގަތެވެ.