ޚަބަރު

މިއަހަރަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވި އަހަރެއް


މިއަހަރަކީ ޗައިނާއާއި
ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާ އަހަރެއްކަމަށާއި
އުންމީދަކީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ޗައިނާއިން
ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކާންގް ވިދާޅުވެއްޖެއެވެ.



ވަންގް ފޫކާންގް މިހެން
ވިދާޅުވީ ޗައިނާގެ 66 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.



އެމްބެސެޑަރ ފޫކާންގް ގެ
ވާހަކަ ފުޅުގައި، މި 66 އަހަރު ތެރޭގައި ޗައިނާއިން ބައިނަލްއަޤްވާމީ މައިދާނުގައި
ހޯދާފައިވާ ކުރިއެރުންތަކާއި ބެހޭ ގޮތުން އަލިއަޅުވާލެއްވިއެވެ. އަދި، ޗައިނާއާއި
ރާއްޖޭގެ ގުޅުމުގެ މައްޗަށް ބައްލަވާ ލެއްވިއެވެ. މިގޮތުން ރާއްޖެއާއި ޗައިނާއާއި
ދެމެދު ފްރީ ޓްރޭޑް އެޤްރީމަންޓް ގާއިމް ކުރުމަށް ކުރިޔަށްދާ މަޝްވަރާތަކާއި،
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަދި އިބްރާހިމް ނާސިރް އިންޓަނޭރޝަނަލް
އެއަރޕޯޓްގެ މާރާމަތާއި ބޮޑު ކުރުމުގެ މަޝްރޫގައި ޗައިނާއިން ރާއްޖެއަށް
އެހީވަމުންދާކަން އެމްބެސެޑަރ ފޫކާން ފާހަގަ ކުރެއްވިއެވެ.



މިރަސްމިއްޔާތުގައި
ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރާއްޖޭގެ އިޤްތިސޯދާއި ބެހޭ ވަޒީރު
މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު
ބައިވެރިއަކީ ޗައިނާކަމަށެވެ. މިނިސްޓަރ ސައީދުވަނީ ޗައިނާއިން ރާއްޖެއަށް
ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކޮށް، ރާޢްޖެއިން އަބަދުވެސް ބައިނަލް އަޤްވާމީ
މައިދާނުގައި ޗައިނާ ނިންމާ ނިންމުންތަކާއި ޕޮލިސީތަކަށް އެއްބާރުލުން ދޭނެކަމަށް
ވިދާޅުވެފައެވެ.



އަދި ޗައިނާ މޯލްޑިވްސް
ފްރެންޑްޝިޕް ބްރިޖް ވެގެންދާނީ ޗައިނާއާއި ރާއްޖޭގެ ގާތް ގުޅުން ރަމްޒުކޮށްދޭނެ
ނިޝާނަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ޗައިނާގެ 66 ވަނަ ޤައުމީ ދުވަހުގެ މުނާސަތުގައި ކޭކެއް
ފެޅުމުގެ އިތުރުން ހާޢްސަ ފަރިކޮޅެއް އޮތެވެ.



މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެންބަސީގެ އިސްބޭފުޅުންނާއި، ދިވެހި
ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.