ޚަބަރު

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 60 ޖާގައަށް ފުރުސަތު ހުޅުވާލައިފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އެޕަރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 60 މީހުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ އެކި ދާއިރާތަކުން ތަމްރީންލިބިފައިވާ ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިފަހަރުގެ ޕްރިގްރާމް ކުރިއަށްގެންދަނީ 6 ދާއިރާއަކުންނެވެ. އެއީ ގާޑެނިންގ، މެޝަނަރީ، ވެލްޑިންގް، އިލެކްޓްރީޝަން، ހެވީ ވެހިކަލް އޮޕަރޭޓަރ، ސައިޓް ސުޕަވައިޒަރ ފޯރ ބިލްޑިންގް ކޮންސްޓްރަކްޝަން ހިމެނެއެވެ. މި ޕްރޮގްރާމްގައި 60 ޖާގަ ވަނީ ހަމަޖައްސާފައެވެ. ޕްރޮގްރާމް ޚާއްސަކުރަނީ ޢުމުރުން 16 އަހަރާއި، 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެޗްޑީސީން ވިދާޅުވީ ޕްރޮގްރާމަށް މީހުން ހޮވުމުގައި ހުޅުމަލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ.

ޕްރޮގްރާމްގައި ކްލާސްރޫމް ސެޝަންތަކާއި، ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެ ދަސްކުރުމުގެ ސެޝަންތައްވެސް ކުރިއަށްދާނެއެވެ. ޕްރޮގްރާމް ފުރިހަމަކުރާ ކުރާ ކޮންމެ މީހަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެސް 3ގެ ސަނަދެއް ލިބޭނެއެވެ.

4 މަސްދުވަހުގެ މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ މީހަކަށް މަހަކު 6000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވީ ޕްރޮގްރާމް ނިންމައި އެންމެ ރަނގަޅު ބައިވެރިންނަށް އެ ކޯޕަރޭޝަންގައި ވަޒީފާ ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދެމުންދާނެކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 30ވަނަ ދުވަހާއި ހަމައަށް ފޯމު ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެޗްޑީސީން ވިދާޅުވީ ޕްރޮގްރާމަށް އެދި ހުށައަޅާ ފަރާތަކީ އޯލެވެސް ފުރިހަމަކޮށްފައި، ނުވަތަ އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 2ގެ ސަނަދެއް ޙާސިލްކޮށްފައިވާ މީހަކަށް ވާންވާނެކަމަށެވެ.