ދުނިޔެ

އިޓަލީގައި ކޯވިޑް ފެތުރެން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި!


އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރެން ފަށައިފައިވަނީ ކުރިން ހީކުރި ވަރަށްވުރެ މާ ކުރިންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނަމުންދަނީ އައު ކޮރޯނާ ވައިރަހާއި އެ ވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ކޯވިޑް-19 ބަލި ފުރަތަމަ ދެނެގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީއިންކަމަށެވެ. ކޯވިޑް ޖެހިފައިވާ މީހަކު އިޓަލީވިލާތުން ފުރަތަމަ ފަހަރަށް ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުގައި އެ ޤައުމުގެ ލަމްބާޑީ ކިޔާ މުއްސަނދި ސަރަޙައްދަކުންނެވެ.

ނަމަވެސް އިޓަލީވިލާތުގެ މިލާން ސިޓީގައި ހުންނަ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓު، އައިއެންޓީއިން ބުނީ ކުރިން ޤަބޫލުކުރެވިފައި އޮތް ގޮތާއި ޚިލާފަށް 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިޓަލީވިލާތުގައި ކޯވިޑް ފެތުރެން ފަށާފައިވާކަމަށް ޤަބޫލުކުރެވޭކަމަށެވެ. އޭގެ މާނައަކީ ބަލި އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާއިން ބޭރަށް ބަލިޖައްސާ ވައިރަސް ދަތުރުކޮށްފައިވަނީ ކުރިން ހީކުރި މުއްދަތަށްވުރެ ކުރީގައިކަމަށް އެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.

ފުއްޕާމޭގައި ކެންސަރުގެ އަސަރުހުރިތޯ ދެނެގަތުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ސްކްރީންކޮށްފައިވާ ސިއްޙަތު ރަނގަޅު 959 މީހުންގެ ނަތީޖާ ބަލާ ކޯވިޑް ފެތުރެން ފަށާފައިވަނީ ކޮން އިރަކުތޯ ދެނެގަތުމަށް އައިއެންޓީއިންވަނީ ދިރާސާކޮށްފައެވެ.

އެމީހުންގެ ތެރެއިން 11.6 އިންސައްތަ މީހުންގެ ހަށިގަނޑުން ކޯވިޑް ޖައްސާ ވައިރަހާއި ދެކޮޅަށް މަސައްކަތްކުރުމުން އުފެދޭ އެންޓި ބޮޑީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ފެނިފައިވާކަމަށް ދިރާސާއިންވަނީ ދައްކާފައެވެ.

އޭގެ ފަހުން ޔުނިވަސިޓީ އޮފް ސިއެނާއިންވެސްވަނީ ކޯވިޑް ޖައްސާ ސާސް-ކޮވް-2 ވައިރަހުގެ އެންޓިބޮޑީ ބަލިފެތުރެން ފެށުމުގެ ކުރިން ފެނިފައިވާ ޙާލަތްތައް ދިރާސާކޮށްފައެވެ. އެ ދިރާސާގައިވެސް ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގެ ހަތަރު ކޭހެއްގައި އެންޓިބޮޑީ ފެނިފައިވާކަމަށެވެ. އެ ދިރާސާކުރި ފަރާތުން ބުނީ އެ ފަރާތްތަކަށް ބަލިޖެހިފައިވަނީ ސެޕްޓެމްބަރު މަހުގައިކަމަށެވެ.

ދިރާސާ ކުރުމުގައި ޙަރަކާތްތެރިވި ޖިއޮވާނީ އެޕޯލޯން ވިދާޅުވީ ދިރާސާތަކުގެ މައިގަނޑު ނަތީޖާއަކީ އެއްވެސް އަލާމާތެއް ނެތް މީހުންގެ" ސެރޮލޮޖިކަލް " ޓެސްޓު ހެދުމުން ބައްޔަށް ޕޮސިޓިވް ވެފައިވާކަމަށާއި އެމީހުންގެ ހަށިގަނޑުގައި ވައިރަސް މަރާލައި އެންޓިބޮޑީވެސް ހުރިކަން އެނގިގެން ގޮސްފައިވާކަމަށެވެ. އޭގެ މާނައަކީ އާންމުންގެ ތެރޭގައި ބަލި ފެތުރެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި އެ ދުވަސްވަރު ބަލި ފެތުރިފައިވަނީ އެހާ ހަލުވިމިނުގައި ނޫންކަމަށެވެ. ބަލި ފެތުރޭ މިންވަރު ދަށްކޮށް ހުރި ނަމަވެސް އަނެއްކާވެސް ދުވަސްދުވަސްކޮޅުން ބަލި ފެތުރެންފަށާކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާކުރި ފަރާތްތަކުންވަނީ 2019ވަނަ އަހަރުގެ ފަހު ހަތަރު މަހުގެ ތެރޭގައި ލަމްބާޑީ ސަރަޙައްދުގައި ނިއުމޯނިއާއާއި ފުލޫ ޖެހިގެން ޙާލު ދެރަވި މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް ގިނަކަން ފާހަގަކޮށްފައެވެ. އެހެންކަމުން އެއީ ކުރިން ހީކުރި ވަރަށްވުރެ ކުރިން އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރެން ފަށައިފައިވާކަމުގެ ނިޝާނެއްކަމަށްވުން އެކަށީގެންވާކަމަށް ސައިންސްވެރިން ބުނެއެވެ.