ޚަބަރު

ނުނިމިހުރި ޢިމާރާތެއް، ޕީއެސްއެމްއިން ކުއްޔަށްހިފި މައްސަލާގައި 3ވަނަ ފަހަރަށް ދަޢުވާކުރަން ފޮނުވައިފި


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހިންގުމަށް ހަދައި ނުނިމޭ އިމާރާތެއް ކުއްޔަށް ހިފުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އެތަނަށް ކުލިދެއްކި މައްސަލާގައި އަނެއްކާވެސް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވައިފިއެވެ.

މިއީ މިމައްސަލަ ތަޙްގީގްކުރުމަށްފަހު ދައުވާކުރުމަށް ފޮނުވި 3ވަނަ ފަހަރެވެ. މީގެ ކުރިންވެސް މިމައްސަލަ ދައުވާކުރުމަށް ފޮނުވުމުން ޕީޖީންވަނީ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްކަމަށް އެމައްސަލަ އަލުން އޭސީސީއަށް ފޮނުވާލާފައެވެ.

މިމައްސަލަ ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޕީ.އެސް.އެމްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ގެ މައްޗަށްކަމަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނުނުލްޢުޤޫބާތުގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން ޕީ.އެސް.އެމްގެ މައްޗަށް ލާޒިމްކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޢިމާރާތެއް ހޯދުމަށް އެކުންފުނިން ކުރި އިޢުލާނާގުޅިގެން ހުށަހަޅާފައިވާ 3 ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީ ހިސާބުބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާކަމަށެވެ. އެހެންނަމަވެސް، އެބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗަރަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ ޢިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަޤީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ނިންމާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. އެގޮތުން، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާފަދައިން އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެ ބޭފުޅަކު ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް ތިރީސް ހަތްހާސް ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެއެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން ޢިމާރާތް ޕީ.އެސް.އެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ޙަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީ.އެސް.އެމް އިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަޙްޤީޤަށް ފާހަގަވެފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.

މީގެއިތުރުން އެއްބަސްވުމުގައިވާގޮތަށް ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި އެއްލައްކަ އެގާރަހާސް ރުފިޔާ ޕީ.އެސް.އެމްއިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން ވިދާޅުވީ، އޭގެފަހުންވެސް 2016ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ ހަތްދިހަހަތަރުހާސް ރުފިޔާ ޕީ.އެސް.އެމް އިން ދައްކާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. އެހެންކަމުން، އެއްބަސްވުމުގައި ބުނާފަދައިން، ޕީ.އެސް.އެމްއާ ޢިމާރާތް ޙަވާލުކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެތަން ކުއްޔަށްދިން ފުރިހަމަ ކޮށްފައި ނުވަނީސް، އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައިވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް، ޕީ.އެސް.އެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާތީ، އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށްވެސް ވިދާޅުވެފައިވެއެވެ.