ޚަބަރު

މިއަހަރު ޢާއްމު ރޯގާތައް ޖެހިގެން ރިޕޯޓްކުރި ޢަދަދު މަދު - އެޗްޕީއޭ


މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޢާއްމު ރޯގާތަށް ޖެހިގެން ރިޕޯޓްކުރި ޢަދަދު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ވިއްސާރަ ދުވަސްވަރު ކޮންމެ އަހަރަކުވެސް އިތުރުވާ ޑެންގީ ހުން، މިއަހަރުގެ އެދުވަސްރު ރިޕޯޓްކޮށްފައިވާ މިންވަރު ވަރަށްބޮޑަށް ދައްވެފައިވާކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. ޑެންގީ ހުން ޖެހިގެން ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 12 ކޭސްއެވެ. އަދި އޮކްޓުބަރުމަހު ރިޕޯޓްކޮށްފައިވަނީ 8 ކޭހެވެ.

މިދިޔައަހަރަށްވުރެ މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ޢަދަދުވެސްވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ ފާއިތުވި 6 މަސް ދުވަހާ އަޅާބަލާއިރު، ނިމުނު އޮކްޓޯބަރު މަހު ރިޕޯޓްކުރި އަރިދަފުސް ރޯގާގެ ކޭސްތައް އިތުރުކަމަށެވެ. ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ 3154ކޭސްއެވެ. އަދި އޮކްޓޯބަރުވަނީ 5782މީހުންނަށް އަރިދަފުސް ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާފައެވެ.

އަރިދަފުސް ރޯގާއާ އެއްގޮތަށް، ބޭރަށް ހިންގުންޖެހިގެން މިއަހަރުގެ ފާއިތުވި 6 މަހު ރިޕޯޓްކުރި ޢަދަދަށްވުރެ، އޮކްޓޯބަރު މަހު ރިޕޯޓްކުރި ޢަދަދުވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރުމަހު ހުށައަޅާފައިވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ 767 ކޭހެވެ. މި ޢަދަދު އޮކްޓޯބަރުމަހުވަނީ 1003އަށް އިތުރުވެފައެވެ.

އަހަރުގެ ފަހަކޮޅު ޢާއްމު ރޯގާތައް އިތުރުވާން ފަށާފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ފާހަގަވެއެވެ. އެހެންކަމުން އާއްމު ރޯގާތައް ފެތުރޭ މިންވަރު ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އަހަރުގެ ކުރީކޮޅު އާއްމު ބަލިތައް ބަދުވެފައިވަނީ ކޯވިޑް-19ގެ ލޮކްޑައުންއާއި ގުޅިގެން އެކަކު އަނެކަކާއި ބައްދަލުވުން ކުޑަވުމުގެ ސަބަބުންކަމަށް އެޗްޕީއޭއިން މީގެކުރިންވަނީ ވިދާޅުވެފައެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔަކަށްވާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް އެދެއެވެ. އަދި އަރިދަފުސް ރޯގާ ފެތުރުން ހުއްޓުވުމަށް ސާފު ތާޙިރުކަން އިތުރުކުރުމާއި، ސިއްޙަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ސިއްޙީ އެހީތެރިން ލަފާދެއްވައެވެ.