އެމެރިކާގެ ނޯތު ޑަކޯޓާ ސްޓޭޓުގައި މާސްކު ބޭނުންކުރުން މަޖުބޫކުރުކޮށްފިއެވެ. މިއީ އެމެރިކާގެ 50 ސްޓޭޓޫގެ ތެރެއިން މާސްކު ބޭނުންކުރުން މަޖުބޫރުކުރި 35ވަނަ ސްޓޭޓެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެފައިވާކަމަށް މި މަހުގެ ތެރޭގައި ރިޕޯޓުކުރި އެމެރިކާގެ 38 ސްޓޭޓުގެ ތެރޭގައި ނޯތު ޑަކޯޓާ ހިމެނެއެވެ. ވައިރަހުގެ ސަބަބުން މަރުވި މީހުން ރެކޯޑު ޢަދަދަކަށް އިތުރުވެފައިވާކަމަށް ރިޕޯޓުކުރި 17 ސްޓޭޓަކާއި ހަސްފަތާލުގައި ފަރުވާދޭ މީހުންގެ ޢަދަދުވެސް ކުރިން މަތިނުވާ މިންވަރަކަށް އިތުރުވެފައިވާކަމަށް ރިޕޯޓުކުރި 25 ސްޓޭޓުގެ ތެރޭގައިވެސް ނޯތު ޑަކޯޓާ ހިމެނެއެވެ.
މާސްކު ބޭނުންކުރުން މަޖުބޫރުކުރުމުގެ އިތުރުން ނޯތު ޑަކޯޓާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރެސްޓޯރަންޓުތަކާއި ކެފޭތައް ބޭނުންކުރެވޭ މީހުންގެ ޢަދަދު ތަނުގެ ޖާގައިގެ 50 އިންސައްތައަށް މަދުކުރުމާއި، ރޭގަނޑު 10ގެ ފަހުން އެތަންތަން ބަންދުކުރަންޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. އެ ސްޓޭޓުގެ ގަވަރުނަރު، ޑައުގް ބާގަން ވިދާޅުވީ އެ ސްޓޭޓުގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި އެ ބަދަލުތަކާއި އެއްގޮތަށް އެ ސްޓޭޓުގައި ދިރިއުޅޭ މީހުންގެ އާދަތައްވެސް ބަދަލުކުރަންޖެހޭކަމަށެވެ.
އެންމެ ހަލުވިކަމާއެކު ބަލިފެތުރޭ އަދި އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 11.2 މިލިއަން މީހުންނަށް ބަލިޖެހި 251،256 މީހުންވަނީ އެބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 177،000 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އެ ޤައުމުގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޢަދަދެވެ. އެއީ އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް ވިދިވިދިގެން އިތުރުވެފައިވާ ހަތަރުވަނަ ދުވަހެވެ. ބަލިފެތުރޭ މިންވަރު މެދުކެނޑުމެއްނެތި އިތުރުވަމުންދާތީ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވެސްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 68،141 މީހުންވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. އެއީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން އެމެރިކާގައި އެނދުމަތިކުރި ޢަދަދެވެ.