ވިޔަފާރި

ކުރިއަށްއޮތް ދެއަހަރު 15000 އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެ- މިނިސްޓަރ


ކުރިއަށްއޮތް ދެއަހަރު ދުވަސްތެރޭގައި 15000 ވަަރަކަށް އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ރައިސް އިބްރާޙިމް މުޙައްމަދު ޞޯލިހްގެ ސިޔާސަރުގެ ދަށުން ފަތުރުވެރިކަން ފުޅާވެގެންދާއިރު 15000 ވަރަކަށް އެނދު އިތުރުވެގެންދާއިރު، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ. އަދި މި ވަޒީފާތަަކުގެ ތެރެއިން މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ލިބެންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިވަރަށް ބޭނުންވާ ދިވެހިންނެއް ރާއްޖެއަކު ނެތް، ދަށު ފަންތީގެ ވަޒީފާތަކަށް ބޭރު މީހުން ގެންނަން އެބަޖެހޭ، އެންމެ ބޮޑެތި މުސާރަ ލިބޭ، މަތީ މަޤާމްތަކަށް ދާންވީ ދިވެހިން، އޭރުން މުސާރައިގެ ގޮތުގައ ރާއްޖެއިން ބޭރުވާ ޑޮލަރުތައްވެސް ރާއްޖޭގައި ބެހެއްޓޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ދިވެހިންނަށް މަތީ މަޤާމްތައް ލިބޭނެގޮތް ހެދުމަށް ކުރެވެން އޮތީ ދެކަމެއް ކަމަށެވެ. އެއީ ޤަނޫނާއި ޤަވާއިދުތަކަށް ބަދަލުތަށް ގެނެސްގެން އެކަން ކުރުމާއި، ވިޔަފާރިތަކަށް މިއީ ފައިދާހުރި ކަމެއްކަން ވިސްނިގެން އެކަން އެގޮތަށް ކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަމަލީގޮތުން މިކަން ކުރުމަށް މައިގަނޑު ދެ އެޕްރޯޗެއް ބޭނުންކުރާނީ، އެއްގޮަތަކީ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން މިކަންތައް ކުރުން އެކަމަކު އެއަރވުރެ ބޮޑަށް އަޅުގަނޑުމެން އަހައްމިއްޔަތު މިދެނީ މަރކެޓް ފޯސަސް، މިކަމުން ވިޔަފާރިތަކަށް ފައިދާ ލިބޭނެކަން އަނގައިދީގެން އެގޮތުގައި ކުރިއަށް ދިޔުން، " މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ރައްޖޭގައި 50000 އަށް ވުރެ ގިނަ އެނދުވަނީ ރަޖިސްޓްރީކޮށްފައެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވުމުން ރާއްޖޭގައި މިހާރު އޮޕަރޭޓުކުރާ ފަތުރުވެރިކަމުގެ ޙިދުމަތްދޭ ތަންތަންވަނީ މަދުވެފައެވެ. އެހެން ނަމަވެސް މަޑުމަޑުން މިތަންތަންވެސް ދަނީ އަލުން ހުޅުވަމުންނެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ އަންނަ އަަހަރުވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފާހަގަކޮށްލެވޭ އަހަރަކަށްކަމަށެވެ.