ޚަބަރު

ރާއްޖޭގެ އުތުރާއި ދެކުނުގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ


ރާއްޖޭގެ އުތުރާއި ދެކުނުގެ ބޮޑުބަޔަކަށް މިއަދުވެސް ވިއްސާރަކުރާނޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް އަދި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެސަރަހައްދަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ މެންދުރު ފަހު 15:00އާއި ހަމައަށެވެ.

އެއިދާރާއިންވަނީ މިސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުން ހުރިހާ ސަރަޙައްދުތަކަށްވެސް ގަޑިއަކު 8މޭލާއި 18މޭލާއި ދެމެދުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 40މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއްވައެވެ. ރާޅުގެ އުސްމިން އުޅެނީ 3ފޫޓާއި، 6ފޫޓުގައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ހިސާބުގައި ކުރާ ވިއްސާރައެއް ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވަނީ މަޢުލޫމާތު ދީފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިއްޔެވެސްވަނީ ޔެލޯ އެލަރޓް ނެރެފައެވެ.