ޚަބަރު

ހަތަރު ރަށެއްގައި ހުރި އާސާރީ ބިނާތައް މަރާމާތު ކުރަނީ


ރަށްރަށުގައި ހުރި އާސާރީ ބިނާތައް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 4 ރަށެއްގައި ހުރި އާސާރީ ބިނާތައް މަރާތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ދެއަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މަޢުމޫނު ވިދާޅުވީ ސަޤާފަތާއި ތަރިކައިގެ ޤާނޫނާއިއެކު މި ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑަށް ފުރުސަތު ހުޅުވިގެން ގޮސްފައި ވާކަމަށެވެ. އެގޮތުން ތަރިކައަކީ ކޮބައިކަން ކަނޑައެޅުމާއި، މި ތަންތަން ޙިމާޔަތްކުރުމުގައި ކައުންސިލްތަކާއި ކަމާއި ގުޅޭ މުޢައްސަސާތަކުގެ ދަޢުރު ކަނޑައެޅުމާއި، އަދި ތަރިއަކަށް ގެއްލުން ދިނުމަކީ އަދަބު ލިބޭ ކުށެއްގެ ގޮތުގައި ކަޑައެޅިގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެން ދަނީ އަތޮޅުތަކުގައި ހުރި އާސާރީ ބިނާތައް މަރާމާތުކޮށް އެތަންތަނުގެ އާބާތުރަ ފިލުވައި އަލުން އާއްމުންނަށް ފެންނާނެހެން އެ ތަންތަން ހުޅުވާލުމުގެ މަސައްކަތް ކަމަށެވެ. ސަޤާފަތާއި ތަރިކައިގެ ވުޒާރާއިން މިހާރު ވަނީ ހއ.ބާރަށުގައި ހުރި ވާރުގެ އާއި، ފަރެސްމާތޮޑާ އަޓިގެ، ކެލާ ލިލީ ހައުސް އަދި ބ.ކުޑަރިކިލުގައި ހުރި އާސާރީ މިސްކިތް މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް ހުޅުވާލާފައެވެ.

"ބާރަށު ވާރުގެ، ފަރެސްމާތޮޑާ އަޓިގެ ކެލާ ލިލީ ހައުސްފަދަ ތަންތަނަކީ ކުޑަ މަރާމާތަކުން ބޭނުންކުރެވޭނެ ތަންތަން. ސައިޓް މިއުޒިއަމް، އަރޓް ގެލަރީގެ ގޮތުގައިވެސް މި ތަންތަން ބޭނުންކުރެވޭނެ. އެބަހުރި ކުޑަ މަރާމާތަކާއިއެކު ބޭނުންކުރެވޭނެ ތަންތަން." ވަޒީރު ޔުމްނާ ވިދަޅުވިއެވެ.

ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މަޢުމޫނު ވިދާޅުވި މި ތަންތަން ޙިމާޔަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިހުގެ ބިނާތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުންކަމަށެވެ. އަދި މީގެއިތުރަށް މިފަދަ ބިނާތަކުގެ ސަބަބުން ފަތުރުވެރިކަން ފުޅާކުރެވި ރަށްރަށަށް އާމްދަނީ ލިބޭނެ މަގަކަށްވެސް އެތަންތަން ވާނެކަމުގައި މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ގިނަ ރަށްތަކެއްގައި ހިރިގަލު މިސްކިތްތައްވެސް ހުރިކަމަށެވެ. މި ތަންތަން ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކުގައި ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވީ ރަށްތަށުގެ ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިސްނެގުމުގެ މަތިންވެސް، އާސާރީ ތަންތަން ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ.