ޚަބަރު

މޫސުން: ބައެއް ހިސާބުތަކަށް ޔެލޯ އެލަރޓް ނެރެފި


ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.

ޔެލޯ އެލަރޓް ނެރެފަވަނީ ރ އަތޮޅުން ފެށިގެން އދ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މިއަދުގެ މެންދުރުފަހު 15:00އިން މިރޭގެ 19:00އާ ހަމައަށް މިސަރަޙައްދަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި މި ހިސާބުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކުރެއެވެ. އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފަވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.