ޚަބަރު

ލޯންޗްގަ ހިނގި ހާދިސާގެ ތަހްޤީޤަށް ބައެއް ފަރާތްތަކާ ސުވާލުކޮށްފި


ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅުކުރެއްވި ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާގެ ތަޙުޤީޤަށް ބައެއް ފަރާތްތަކުން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކުރަމުންގެންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.ފުލުހުން ބުނީ، ޙާދިސާއާއި ގުޅިގެން ފުލުހުންގެ އިދާރާއާ އަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.މިހާދިސާ ހިނގި ރިޔާސީ ލޯންޗުކޮޅު ތަޙުޤީޤަށްޓަކައި އެމްއެންޑީއެފާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މައްސަލަ ތަޙުޤީޤްކުރުމަށް ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފް.ބީ.އައިގެ އޭޖެންޓަކާއި ސައުދީ އަރަބިއްޔާގެ 9 ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ޓީމެއް ރޭ ވަނީ ރާއްޖެ އައިސްފައެވެ.މިހާދިސާ ތަހްގީގުކުރުމަށްޓަކައި ސަރުކާރުންވަނީ ބޭރުގެ އެހީއަށްވެސް އެދިފައެވެ. މިއާއެކު ސައޫދީ އަރަބިއްޔާއިން ފޯރުކޮށްދިން އެހީތެރިކަމަކީ ފާހަގަކުރެވޭ ކަމެކެވެ. ސައޫދީ އަރަބިއްޔާއިން ފޮރެންސިކް ޚާއްސަ ޓީމެއް މިފޮނުވީސަރުކާރުން ބައިނަލް އަގުވާމީ އެހީއަށް އެދުނުތާ ސައުވީސް ގަޑިއިރުވެސް ނުވަނީސް އެވެ.އެމެރިކާގެ އެފްބީއައި އާއި ސައޫދީ އަރަބިއްޔާގެ އިތުރަށް އޮސްޓްރޭލިޔާއާއި އިންޑިޔާއާއި ސްރީލަންކާގެ ތަޖުރިބާކާރުންވެސް މިތަހްގީގުގައި ބައިވެރިވާނެއެވެ.ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސުލްޖުމްޙޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއަރޕޯޓުން މާލެއަށް ދަތުރުފުޅުކުރެއްވި ލޯންޗް ކޮޅުގައި އެއްޗެއް ގޮވައި ހިނގި ޙާދިސާގައި،  އެންމެ ބޮޑު ހާނިކައެއް ލިބިވަޑައިގެންފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއަށެވެ. އެކަމަނާގެ ބުރަކަށިފުޅަށް ލިބިވަޑައިގަތް ހާނިއްކައަށް ފަރުވާ އެރުވުމަށް ހަފްތާތަކެއް ވަންދެން ބެޑްރެސްޓްގައި އޮށޯވެވަޑައިގެން އޮންނަންޖެހިވަޑައިގަންނަވާނެކަމަށް ޑޮކްޓަރުން ލަފާއަރުވާފައިވެއެވެ. އަދި މީގެ އިތުރުން ޙާދިސާގައި ހާނިއްކަވި ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފާތިމަތު އިބްރާޙީމް ސޯލިޙުގެ ވާތުފައިގެ އެކިތަންތަނުން ފިހި އެކިވަރުގެ އަނިޔާވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ބޮޑީގާރޑް ސަރޖަންޓް ފަސްޓް ކްލާސް އަބްދުއް ނާސިރަށްވެސް ވަނީ މި ޙާދިސާގައި އެކިވަރުގެ އަނިޔާލިބިފައެވެ.ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަނީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އެމަނިކުފާނަކީ މިހާދިސާ ހިގިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެންމެ ފުރަތަމަ އެހީފުޅުވެވަޑައިގަތް އެއްބޭފުޅާއެވެ. މިނިސްޓަރ ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެ ހިނގި ޙާދިސާގާއި ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެންފައިނުވާކަމަށާއި އެހެންނަމަވެސް އެޑްމިޓްކޮށްފައިވަނީ އޮބްޒަރވޭޝަންއަށް ކަމަށެވެ.މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާޙީމް މުއާޒް އަލީ ވިދާޅުވީ، އިއްޔެ ހިނގި ޙާދިސާގެ ތަޙުޤީޤް ކަމާ ގުޅޭ ފަރާތްތަކުން ކުރިއަށް ގެންދާތީ އިތުރު މައުލޫމާތެއް މިވަގުތަށް ދެވެނެް ނެތް ކަމަށެވެ.