ވިޔަފާރި

ގަލްފް ކުރާފްޓުން ރާއްޖޭގައި އެތައް މިލިއަން ޑޮލަރެއްގެ ބިޔަ މަޝްރޫޢެއް ފަށަނީ


ޔޫއޭއީގެ މަޝްރޫހު ގަލްފް ކުރާފްޓް ކުންފުނިން ރާއްޖޭގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށްޓަކައި އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

ފުޅާ ދާއިރާއެއްގައި ލަކްޝަރީ ޔޮޓާއި ފައިބަރގްލާސް ބޯޓު ފަހަރު ބަންނަ ގަލްފް ކުރާފްޓުން ވަނީ ރާއްޖޭގެ ފަޅެއްގައި ވަކިން ހަ ރަށް ތަރައްޤީކޮށްގެން ތަފާތު އެކި ޙިދުމަތްތައް ދޭން ނިންމާފައެވެ. އެގޮތުން މިމަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ ކުންފުންޏާއިއެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކުރާފްޓުގެ މޯލްޑިވްސްގެ ބޯޓު ޔާޑުގައި ބޭއްވި އެއްބަސްވުމުގައި ގަލްފް ކުރާފްޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން މުޙައްމަދު ހުސެއިން އަލްޝާލީއެވެ. އަދި ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޑެޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަޙްމަދުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަލްފް ކުރާފްޓުގެ ޗެއަރމަން މުޙައްމަދު ހުސެއިން އަލްޝާލީ ވިދާޅުވީ މި މަޝްރޫޢާއި އެކު ގިނަ ދިވެހިންނަކަށް މީގެން ފައިދާތައް ލިބެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށެވެ.

" ރާއްޖޭގައި ޙިދުމަތްދޭތާ މިހާރު 20 އަހަރު ވެއްޖެ، މި މަޝްރޫޢާއި އެކު ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން، އަދި މި މަސައްކަތް މިހާ ހިސާބަށް ގެނައުމުގައި ގިނަ ބައެއްގެ އެހީތެރިކަންވަނީ ލިބެންގޮސްފައި، ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރަން ބޭނުން،" މުޙައްމަދު ހުސެއިން އަލްޝާލީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ފަޅެއްގައި ހަ ރަށެއް ހިއްކުމަށްވަނީ ހަމަޖެހިފައިވައެވެ. މި ރަށްތަކުގައި ބޯޓު ބަނުކަމަށް ގަލްފް ކުރާފްޓުގެ އައު ފެކްޓްރީއެއް ތަރައްޤީކުރުމާއި، ސަފާރީއަދި ޔޮޓުތަކަށް ޙާއްސަ ޔޮޓު މެރީނާއެއް ތަރައްޤީކުރުމާއި، މެރީޓައިމް ސްކޫލެއްގެ އިތުރުން ފަތުރުވެރިންނަށް އަމާޒްކޮށްގެން މަތީފަންތީގެ ރިސޯޓެއްވެސް މިތަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ގަލްފް ކުރާފްޓުން މައުލޫމާތުދެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޑެޓުގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވީ އަމާޒަކީ 3 އަހަރުދުވަސްތެރޭ ބިން ހިއްކާ، އެކަމާއި ގުޅުންހުރި އެހެން މަސައްކަތްތައްވެސް ނިންމާލުން ކަމަށެވެ.

" މި މަޝްރޫގެ ދަށުން 6 ރަށެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި، މި މަޝްރޫއު ޝެޑިއުލްއާއި އެއްގޮތަށް ނިންމާލުމަށް މަސައްކަތްކުރާނަން" ސައުދުﷲ ވިދާޅުވިއެވެ.

ގަފްލް ކުރާފްޓުން މިހާރުވެސް ދަނީ ރާއްޖޭގައި ހުންނަ އެކުންފުނީގެ ބޯޓު ޔާޑުގައި މަތީފެންވަރުގެ ބޯޓުތައް ބަނެ ރާއްޖޭގެ ބާޒާރަށާއި މި ސަރަހައްދުގެ އެހެން ޤައުމުތަކުގެ ބާޒާރުގައި ވިއްކަމުންނެވެ.