ދ މީދޫ ކައިރިން ކަނޑުމަތިން މަތިންދާ ބޯޓުގެ ފިޔަގަނޑުގެ ބައެއް ހޮވައިފިއެވެ.
ކަނޑުމަތިން ފެނިފައި، މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބައެއްކަން ކަށަވަރުވެފައި ވާއިރު، އެކަމާއި ގުޅޭމައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކޮށްފައި ވާކަމުގައި. މީދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކަނޑުމަތިން އޮޔާދަނިކޮށް ފެނުނު މި މަތިންދާ ބޯޓުގެ ފިޔަގަނޑުގެ ބައި ދ މީދޫއަށް ގެނެސް އެއްގަމަށް އެރުވުމުގައި އިސްކޮށް ހަރަކާތްތެރިވި، މަސްވެރިއެއް ކަމުގައިވާ، ދ މީދޫ، ފެހިވަލާ، ސުހައިލް ބުނީ، ކަނޑުމަތިން އެއްޗެއް އޮޔާދާކަމުގެ މައުލޫމާތު ދިނީ އާއިލާގެ ކުއްޖެއް ކަމަށެވެ. އަދި ޑިންގީއެއްގައި އިތުރު ބަޔަކާއި އެކު ނުކުމެ ބެލިއިރު، އެއީ މަތިންދާ ބޯޓެއްގެ ފިޔަ ގަނޑުގެ ބައެއް ކަމަށް ވުމާއި އެކު ރަށަށް ގެނައީ އެއީ ބޭނުމެއް ހިފިދާނެ އެއްޗެއް ކަމުގައި ބަލައިގެން ކަމަށެވެ.
ސުހައިލް ބުނީ، ފެނުނު ފިޔަގަނޑުގެ އެބައިގެ ދިގު މިނުގައި ގާތްގަނޑަކަށް 22 ވަރަކަށް ފޫޓު ހުންނާނެ ކަމަށާއި، ކަނޑުމަތީގައި ގިނަ ދުވަސް ވެފައި ވާތީ އޭގައި ވަރަށް ބޮޑަށް ކަނޑުރިނދަލިވެސް ޖަހާފައިވާ ކަމަށެވެ.
އަދި 3:30 ހާއިރު ފެނުނު ފުލައިޓެއްގެ ފިޔަގަނޑުގެ ބައި، މީދޫއަށް އެއްގަން ކުރެވިފައި ވަނީ މިއަދުގެ ހަވީރު 5:30 ހާއިރުގައި ކަމަށްވެސް އޭނާ ބުންޏެވެ.
ބޮޑަށް ބެލެވިފައި ވަނީ، މީދޫ ކައިރިން ކަނޑުމަތިން މިއަދު ފެނިފައި ވަނީ މިލިޓަރީ ޑްރޯނެއްގެ ފިޔަގަނޑެއް ކަމަށެވެ.
ދ މީދޫ ކައިރިން ކަނޑުމަތިން، ފުލައިޓެއްގެ ފިޔަގަނޑުގެ ބައެއް ހޮވާފައި ވާއިރު، މިފަހުގެ ތާރީޚެއްގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް މަތިންދާ ބޯޓެއް ވެއްޓުމުގެ ހާދިސާއެއް ހިނގާފައި ވާކަން އެނގިފައެއް ނުވެއެވެ.
މެލޭޝިއާ އެއާލައިންގެ ފްލައިޓް އެމްއެޗް370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ 8 މާރިޗު 2014 ގައެވެ. އެ ފްލައިޓް ވެއްޓުނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދަކަށް ކަމުގައި ބެލެވިފައި ވާތީ، އިންޑިއާ ކަނޑުގެ ސަރަހައްދުން މަތިންދާ ބޯޓެއްގެ ބައިތަކެއް ފެނިއްޖެ ނަމަ އެކަަމަށް ސަމާލުކަން ލިބިގެން ދެއެވެ.