ޚަބަރު

ޑރ. މުއިއްޒުގެ ބައްޕާފުޅު އަވަހާރަ ވެއްޖެ


ހައުސިން މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިިއްޒުގެ
ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު ހުސެއިން
އަބުދުއް ރަޙްމާން މައްކާގައި ރޭ އަވަހާރަވެއްޖެއެވެ.



އެމަނިކުފާނު އަވަހާރަވެފައިވަނީ ހައްޖުގެ މަތިވެރި އަޅުކަން
އަދާކުރެއްވުމަށް މައްކާ އަށް ވަޑައިގެން ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅަކަށް،
ކިންގް ޢަބްދުﷲ މެޑިކަލް ސިޓީ ހޮސްޕިޓަލްގައި ފަރުވާދެއްވަމުންދަނިކޮށް، ރޭ ސައުދީ
ގަޑިން 10:00 ޖަހާ އެހާކަންހާއިރުއެވެ.



އަލްމަރުޙޫމް ހުސެއިން އަބުދުއް ރަޙްމާން ގެ ކަށުނަމާދުގެ ކަންކަން އޮތީ ރޭ
ފަތިހު އަލް މަސްޖިދުލް ޙަރާމްގައެވެ.



އަލްމަރުޙޫމް ހުސެއިން އަބުދުއް ރަޙްމާނަކީ ދީނީ ވަރަށް ގިނަ ތަޤްރީރު ތައް
ދެއްވާ އަދި ދީނީ ޢިލްމީ ވަރަށް ގިނަ ފޮތް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި
ސަރުކާރަށްވެސް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.



އަލްމަރުޙޫމް ހުސެއިން އަބުދުއް ރަޙްމާނަށް 2013 ވަނަ އަހަރު ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ
ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމުލިބިވަޑައިގެންފައެވެ.



އަލްމަރުޙޫމް ހުސެއިން ޢަބްދުއް ރަޙްމާންގެ މައްޗަށް ޣައިބަށް ކުރެވޭ
ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު، މަސްޖިދުލް ސުލްޠާން މުޙައްމަދު
ތަކުރުފާނުލް ޢައުޒަމް (އިސްލާމީ މަރުކަޒް) ގައި އޮންނާނެއެވެ.