ޚަބަރު

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުން


ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ބައެއް ޙައްޖުވެރިން ރޭ މާލެ އަތުވެއްޖެއެވެ. ރޭ މާލެ އައިސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ތިންސަތޭކަ މީހުންނެވެ.އިއްޔެ ހަވީރު އައުމަށް ހަމަޖެހިފައި އޮތް މެގަ މޯލްޑިވްސްގެ މިފްލައިޓް ޑިލޭވުމުގެ ސަބަބުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ ރޭ 10:45ގައެވެ. ބޯޓް ލަސްވެފައިވަނީ ޖިއްދާ އެއަރޕޯޓްގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ޗެކިން ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވުމާއި ގުޅިގެން ކަމަށް މެގަމޯލްޑިވްސް އިން މައުލޫމާތުދެއެވެ.މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު 1300 މީހުން ޙައްޖަށް ގޮސްފައިވޭ. އެ ގްރޫޕްގެ ޙަވާލުގައި ހައްޖަށްދިޔަ މީހުންގެ ދެވަނަ ފްލައިޓް މިއަދު އަންނާނެއެވެ. އެކޯޕަރޭޝަންގެ ޙަވާލުގައި ހައްޖަށްދިޔަ މީހުން މާލެ އައުމަށް ހަމަޖެހިފައިވަނީ މައްކާއަށް ދިޔަ ތަރުތީބުން ކަމަށްވެސް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ.