ދުނިޔެ

ބިހާރު ސްޓޭޓުގެ އިންތިޚާބު މޯދީ ކާމިޔާބުކުރައްވައިފި


ކޯވިޑް-19 ފެތުރެން ފެށިފަހުން އިންޑިޔާގައި މިހާތަނަށް ބާއްވާފައިވާ އެންމެ ބޮޑު ސްޓޭޓު އިންތިޚާބު އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ބަރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އާއި އެ ޕާޓީއާއިއެކު އިއްތިޚާދު ހަދާފައިވާ ޕާޓީތަކުން ކާމިޔާބުކޮށްފިއެވެ.

އިންޑިޔާގެ އިންތިޚާބާއި ބެހޭ ކޮމިޝަނުން އިޢުލާނުކޮށްފައިވާ ނަތީޖާތަކުން ދައްކާގޮތުގައި އިންޑިޔާގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ބިހާރު ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައިވަނީ ބީޖޭޕީއާއި އެ ޕާޓީގެ ތިން ބައިވެރިން ހިމެނޭ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް އިއްތިޙާދުންނެވެ.

100 މިލިއަން މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ ބިހާރު ސްޓޭޓުގައި ކުރިއަށްދިޔަ ވާދަވެރި އިންތިޚާބު ބީޖޭޕީން ކާމިޔާބުކުރީ 243 ގޮނޑީގެ ތެރެއިން 122 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އިއްތިޙާދުގެ ބައިވެރިން ނުހިމެނޭ ގޮތަށް ބީޖޭޕީއިން 74 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެ އިއްތިހާދާއި ދެކޮޅަށް ވާދަކުރި ރަޝްތުރިޔާ ޖަނާތާ ދާލުން ކާމިޔާބުކުރީ 75 ގޮނޑިއެވެ.

އޮކްޓޯބަރު މަހުން ފެށިގެން ތިން ބުރަކަށް ބަހާލައިގެން ބޭއްވި އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިހާރު ސްޓޭޓުގައި އަނެއްކާވެސް ޑިމޮކްރަސީއަށް ކާމިޔާބު ލިބިފައިވާކަމަށެވެ. އެ ސްޓޭޓުގެ ހުރިހާ ސަރަޙައްދުތަކާއި ރައްޔިތުންނަށް ހަމަހަމައަށް ތަރައްޤީ ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން މޯދީ ދެއްވިއެވެ.

އިންޑިޔާގެ އެންމެ ފަޤީރު އެއް ސްޓޭޓުކަމުގައިވާ ބިހާރުގެ ޙާލަތުވަނީ ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް ބޮޑުވަޒީރު މޯދީ އެޅުއްވި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ބިހާރު ހިމެނެއެވެ. އެހެންކަމުން އެ ސްޓޭޓުގެ އިންތިޚާބު މޯދީއަށް ކާމިޔާބުވެވަޑައިނުގަންނަވާނެކަމަށް ގިނަ ބަޔަކު ތިބީ ޤަބޫލުކޮށްގެންނެވެ. އެ ސްޓޭޓުން ގިނަ މައްސަލަތަކާއި ކުރިމަތިލަމުން ދިޔަ ނަމަވެސް ސަރުކާރަށް އޮންނަ އިތުބާރު ރައްޔިތުންނަށް ނުގެއްލޭކަން އިންތިޚާބުގެ ނަތީޖާއިންވަނީ ޔަޤީންވެފައެވެ.