ވިޔަފާރި

އިނގިރޭސިވިލާތުގެ ރައްޔިތުންގެ 'ބަކެޓު ލިސްޓު'ގެ އެންމެ ކުރީގައި ރާއްޖެ


އިނގިރޭސިވިލާތުގެ ރައްޔިތުން އެންމެ ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ނުވަތަ އެމީހުންގެ ބަކެޓު ލިސްޓުގެ އެންމެ ކުރީގައި ރާއްޖެއަށް ޒިޔާރަތްކުރުން ހިމެނޭކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތް މިހާރު ދެވަނަ ފުރަބަންދަކަށް ގޮސްފައިވާއިރު، ގޭގައި ތިބެގެން ގިނަ އަދަދެއްގެ ބަޔަކުދަނީ ޗުއްޓީއަށް ދާނެ މަންޒިލްތަކާއި ގުޅޭ މައުލޫމާތުތައް ހޯދަމުންކަމަށް ޓުއަރ އޮޕަރޭޓަރުން ބުނެއެވެ. އަދި ކޯވިޑް-19 އާއެކު މިއަހަރު ކުރިއަށް ގޮސްފައިވާގޮތުން އަންނަ އަހަރު ޗުއްޓީއަށް ދާން މީހުން ބޭނުންވަނީ ހަޔާތުގައި އެންމެ ފަހަރަކު ދެވޭނެ ފަދަ މަންޒިލްތަކަށްކަމަށްވެސް ޓުއަރ އޮޕަރޭޓަރުން ހާމަކުރެއެވެ. އަދި ކޯވިޑް-19ގެ ވެކްސިނެއް ލިބޭނެކަމުގެ އުއްމީދާއެކު އިނގިރޭސިވިލާތުގެ ފަތުރުވެރިންދަނީ އަންނަ އަހަރުތެރޭ ޗުއްޓީއަށް ދާނެ މަންޒިލްތައް ހޯދާ ބުކިންަސްތައް ހަދަމުންނެވެ.

އެގައުމުގެ ޓުއަރ އޮޕަރޭޓަރެއްކަމަށްވާ ޖީ އެޑްވެންޗަރޒްއިން ހާމަކުރާގޮތުގައި އަންނަ އަހަރު ހޫނު މޫސުމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ބުކިން ހަދަމުންނެވެ.

ހެންބްރީ ޓްރެވަލް އެންޑު ނޯތުވެސްޓު އިން ހާމަކުރާގޮތުގައި މިއަހަރުތެރޭ ޗުއްޓީއަށް ތަންތަނަށް ދިޔުމަށް މައުލޫމާތު އޮޅުންފިލުވަމުންދާ ފަރާތްތަކުގެ އަދަދު ހުރީ 20 އިންސައްތައިގައެވެ. އަދި އަންނަ އަހަރުތެރޭ ޗުއްޓީއަށްދާން މައުލޫމާތު އޮޅުންފިލުވަމުންދާ ފަރާތްތަކުގެ އަދަދު 68 އިންސައްތަ އިތުރުވެފައިވާކަމަށް އެފަރާތުން ބުނެއެވެ.

އެގޮތުން އަންނަ އަހަރުގެ ހޫނު މޫސުމަށް އެންމެ ގިނަ އަދަދަކަށް ބުކިންތައް ލިބެމުންދަނީ ރާއްޖެއަށާއި، ޑޮމެނިކަން ރިޕަބްލިކް، މޮރިޝަސް އަދި މެކްސިކޯއަށް ކަމަށާއި އަދި 2022ވަނަ އަހަރަށްވެސް ރާއްޖެއަށް ގިނަ ބުކިންތަކެއް ލިބެމުންދާކަމަށް ހެންބްރީ ޓްރެވަލް އެންޑު ނޯތުވެސްޓުން ހާމަކުރެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން ޖުލައިމަހުގެ 15ވަނަ ދުވަހުން ފެށިގެން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަސް 3817 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.