ޚަބަރު

ފަތުރުވެރިންތަކެއްގެ އަތުން އަގުބޮޑުތަކެތިތަކެއް ވަގަށް ނެގުން


ފަތުރުވެރިންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި، އަގުބޮޑު ތަކެތި ވަގަށް ނެގި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީގެ ތެރެއިން ފުރަތަމަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލޭ އިރު ދެކުނު ފަރާތު ޓްރެކް ސަރަޙައްދަށް މޫދަށް އެރިއުޅެނި އުޅުނު 2 ފަތުރުވެރިއެއްގެ އަތުން ވައްކަން ކުރިކަމުގެ ތުހުމަތުގައެވެ. މި 2 ފަތުރުވެރިންގެ އަތުން އަތުން ވަގަށް ނަގާފައިވަނީ 5 ހާސް އެމެރިކާ ޑޮލަރުގެ އަގުހުރި ފޮޓޯ ކެމެރާއަކާއި، 2 ހާސް ޑޮލަރަށް ލެންސެއް ލިބޭ 3 ލެންސާއި، އެ ދެމީހުންގެ ޕާސްޕޯޓް އަދި ބެންކު ކާޑުތަކާއި އެހެނިހެން ބައެއް ލިޔެކިޔުންތައްކަމަށް ފުލުހުން ހާމަކުރައްވައެވެ. މިތަކެތި ވަގަށް ނެގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ހުށަހެޅުމާއެކު، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ފުލުހުން ކުރި މަސައްކަތުން 48 ގަޑިއިރު ތެރޭގައި އެތަކެތި ހޯދައި، އެތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުކުރެވޭ މިހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެމީހާއާބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. ދެވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލެ ރެދިން ކެފޭ ކައިރީގައި ތިބި 2 ފަތުރުވެރިއެއްގެ އަތުން ފޭރުނު ކަމުގެ ތުހުމަތުގައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ހާމަކުރައްވައެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އިރު، އޭނާގެ އަތުން 803 ޔޫއެސް ޑޮލަރާއި، 200 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ފޭރުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ބަލާ ތަހުޤީޤުކުރަމުންނެވެ.