ޚަބަރު

ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް އެފްބީއައި


ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާގެ ތަޙުޤީޤުގައި ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފް.ބީ.އައިގެ އޭޖެންޓަކު ރާއްޖެ އަތުވެއްޖެއެވެ.ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެފް.ބީ.އޭގެ އެޖޭންޓެއް ރާއްޖެ އައިސްފައިވަނީ ރޭ 22:30 ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި އެފް.ބީ.އައި އޭޖެންޓް އައުމުން އޭނާއަށް އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އުސާމަތު މުޙައްމަދުކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.މި ހާދިސާއާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އިއްޔެ މީޑިއާތަކާއި ބައްދަލުކުރައްވައި، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެފައިވަނީ، ފުލުހުންނާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގާ ތަޙުޤީޤުގައި އެމެރިކާގެ އެފްބީއައިގެ އިތުރުން، އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށެވެ. އަދި މި ޙާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުން ގެންދަވާކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ. މި މައްސަލައިގެ ތަޙުޤީޤު ގައި ބައިވެރިވުމަށް ސައޫދީ އަރަބިޔާގެ ފޮރެންސިކް ޓީމެއްވެސް ރޭގެ ވަގުތެއްގައި ވަނީ އައިސްފައެވެ.