ޚަބަރު

އެއްޗެއް ގޮވި ހާދިޘާގައި ސިޔާަސީޕާޓީތަކުން ކަންބޮޑުވުންފާޅުކޮށްފި


ރައީސުލްޖުމްޙޫރިއްޔާއާއި
އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމް ދަތުރުފުޅުކުރެއްވި ލޯންޗުގައި
އެއްޗެއް ގޮވާ އެކަމަނާޔަށް އަނިޔާވެފައިވާތީ، ޕީޕީއެމްއިން ކަންބޮޑުވުން
ފާޅުކޮށްފިއެވެ.



ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި
ބުނެފައިވަނީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު
ރައީސުލްޖުމްޙޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް
މާލެއަށް ދަތުރުފުޅުކުރެއްވި ލޯންޗުގައި އެއްޗެއް ގޮވާ، އެލޯންޗުން ދަތުރުކުރި
ބައެއް ބޭފުޅުންނަށް އެކިވަރުގެ އަނިޔާވެފައިވާތީ އެކަމާ އެޕާޓީން ކަންބޮޑުވާ
ކަމަށެވެ.

 އަދި މިހިނގާދިޔަ ނުރައްކާތެރި ޙާދިސާގެ ސަބަބުން ދިވެހި ރައްޔިތުންނާއި،
ޕީޕީއެމްގެ މެންބަރުންނަށް ވަނީ ވަރަށް ބޮޑު ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއް
ލިބިފައިވާ ކަން ފާހަގަކޮށް، އެކަން ހިނގަން ދިމާވި ސަބަބެއް ބަލާ ތަހުޤީޤްކޮށް
ވަގުތުން ވަގުތަށް ފިޔަވަޅުތައް އެޅުމަށް ކަމަބެހޭ ފަރާތްތަކަށް އެޕާޓީން ވަނީ
ގޮވާލައްވާފައެވެ.



މީގެ އިތުރުން
ރައީސުލްޖުމްޙޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުން
އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ވާޖިބެއް ކަމުގައި އެޕާޓީން ދެކޭ ކަމަށާއި
ރައީސުލްޖުމްޙޫރިއްޔާއާއި  އެމަނިކުފާނުގެ
އާއިލާގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެއްވުމުގައި
އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް
ކަމާބެހޭ ފަރާތްތަކަށް ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.



ސަރުކާރު ކޯލިޝަނުގައި ހިމެނޭ
އެމްޑީއޭއިންވެސް ވަނީ މިއަދުގެ ހާދިޘާ ފުރިހަމައަށް ތަހްޤީޤްކޮށް އެކަމުގައި
އިހުމާލުވާ ފަރާތްތަކާއި މެދު އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި. އިދިކޮޅު
އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މިހާދިޘާ ތަހްޤީޤްކުރުމަށް ގޮވާލާ ބަޔާނެއް
ނެރެފައެވެ.