ވިޔަފާރި

ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން ބޮޑު


ޔޫއޭއީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލަކީ ރާއްޖެކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ.

ޔޫއޭއީގައި އެންމެ ބޮޑު އެއް ޓުއަރ އޮޕަރޭޓަރ ޑިނާޓާ ޓްރެވަލްއިން ހާމަކުރާގޮތުގައި ރާއްޖެއަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. އެގޮތުން އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ގިނަ އަދަދަކަށް ބުކިންގްސް ލިބެމުންދާ ކަމަށެވެ.

ޑިނާޓާ ޓްރެވަލްގެ ޓްރެވަލް ލެޝަރ ހެޑް އެމިލީ ޖެންކިންގްސް ވިދާޅުވީ ރާއްޖެއަކީ ދަތުރުކުރުމުގައި ހުރި ފަސޭހަތަކާއި އެކު ރާއްޖެއަށް އޮންނަ މަޤްބޫލްކަން ބޮޑުކަމަށެވެ.

" ދުބާއީއިން ރާއްޖެއަށް 4 ގަޑިއިރުގެ ފްލައިޓު ދަތުރުތަކުން ދެވޭ، އަދި ރާއްޖޭގައި އަޅާ ފައިވާ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް ފަތުރުވެރިންނަށް ކަމުދޭ، ޕްރައިވެޓު އައިލެންޑެއްގައި ޗުއްޓީ ހޭދަކޮށްލުމަކީ މިފަދަ ދަނޑިވަޅެއްގައި ގިނަ މީހުން ބޭނުންވާ ގޮތް،" އެމިލީ ވިދާޅުވިއެވެ.

ޑިނާޓާއިން ދާދިފަހުން ކުރިއަށްގެންދިޔަ ސަރވޭއަކުން ދައްކާގޮތުން ގިނަ އަދަދެއްގެ ބަޔަކު ބޭނުންވަނީ ބީޗުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެގޮތުން ސަރވޭގައި ބައިވެރިވި 50 އިންސައްތަ މީހުން ބުނެފައިވަނީ އެންމެ ބޭނުންވަނީ ބީޗު ހޮލިޑޭއެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫއޭއީއިންނެވެ. އެގޮތުން މި މުއްދަތުގައި އެޤައުމުން 3683 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.