ވިޔަފާރި

ބަޖެޓު 2021: އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދޭން ހުޅުވައިލަނީ


އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވައިލުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ނިންމާފައިވަނީ ސަރުކާރަށް އިތުރު ޢާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުންނެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ޢާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެގޮތުން އަންނަ އަހަރު ޢާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާކަމަށެވެ.

އެގޮތުން "ފްރިކުއެންސީ ސްޕެކްޓްރަމް" ޗާޖެއް ނެގުމަށާއި އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ޓެލްކޮމް ޙިދުމަތް ދެމުންދަނީ ދެ ކުންފުންޏަކުންނެވެ. އެއީ ދިރާގާއި އުރީދޫއިންނެވެ.

ދިރާގަކީ ރާއްޖޭގެ އެންމެފުރަތަމަ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭންފެށި ކުންފުންޏެވެ. ދިރާގުން ރާއްޖޭގައި ޙިދުމަތްދޭން ފެށިފަހުން މިހާރު 32 އަހަރުވަނީ ވެފއެވެ. ދިރާގުގެ %52 ހިއްސާއަކީ ބީޓީސީ އައިލެންޑްސް ލިމިޓެޑްގެ ހިއްސާއެވެ. އަދި ދިވެހި ސަރުކާރުގެ %41.8 ހިއްސާ އޮތްއިރު ބާކީ %6.2 ހިއްސާއަކީ އާންމު ރައްޔިތުންގެ ހިއްސާއެވެ.

އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ މިހާރުވަނީ 15 އަހަރު ވަނީ ފުރިފައެވެ. އުރީދޫއިން ރާއްޖޭގައި ޙިދުމަތްދޭން ފެށުމާއި އެކު މުވާސަލާތީ ޙިދުމަތް ދިނުމުގެ ދާއިރާގައި ވާދަވެރިކަން އުފެދި ގިނަ ކުރިއެރުންތަކެއް މިދާއިރާއަށްވަނީ ލިބިފައެވެ.