ޚަބަރު

އަންނަ އަހަރަށް ލަފާކުރާ 34.8 ބިލިޔަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި


އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. 2021ވަނަ އަހަރާ ކުރިމަތިލާއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއިހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަކީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ވާނެކަމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުުވާނެކަމަށް ލަފާކުރެއެވެ. އަންނަ އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކުރެވޭއިރު މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

2021 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބަލާފައިވާނީ "ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ" ޕްލޭންގައި އިސްކަންދީފައިވާ ކަންކަމަށެވެ. މި ޕްލޭނަކީ ސަރުކާރުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް އެންޑް ރިކަވަރީ" ގެ މަޝްވަރާގެ މަތިންނެވެ. މި މަސައްކަތުގެ ތެރޭގައި، ވަރކިންގ ގްރޫޕްތަކުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖޭގެ ތަޖުރިބާކާރުންނާ މަޝްވާރާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ބަޖެޓު މި ހުށަހަޅާ ދަނޑިވަޅަކީ ކޯވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައިކަމަށެވެ. މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއްކަމަށެވެ. ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދުގެ ސައިޒު، މި ހިނގާ 2020 ވަނަ އަހަރު ވަނީ 29.3 އިންސައްތައިން ކުޑަވެފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ 2020ވަނަ އަހަރު ފެށުނު އިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ހުރީ ޑަބަލް ޑިޖިޓް ގްރޯތު ރޭޓުތަކުގައިކަމަށެވެ. 2020ވަނަ އަހަރާ ކުރިމަތިލީ ފަހި އިޤްތިސާދެއްގެ މޯހިރުގައި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ވައުދުތަކުގައި ކުލަޖެއްސުމުގެ ޕްލޭންތަކާއެކުގައި ކަމަށްވިޔަސް ކޯވިޑް-19 ޕެންޑެމިކް އަދި އިޤްތިސާދު ހުއްޓުވާލި ބޮޑު ފުރަބަންދާ ކުރިމަތިލީ، ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވަމުން އަންނަނިކޮށް ކަމުގައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤްތިސާދު މި އަހަރު 4.4 އިންސައްތައިން ދަށްވާއިރު، ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި، ރާއްޖެ ފަދަ ޖަޒީރާ އަދި ޓޫރިޒަމަށް ބަރޯސާވާ ޤައުމުތަކަށް ކޮށްފައިވާ އަސަރު އަދި މާ ބޮޑުކަމަށެވެ. އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދު ކުރިއަރާނެކަމަށް އައި.އެމް.އެފް އިން ލަފާކުރަނީ 5.2 އިންސައްތައެވެ.

2020ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭއިރު މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް ދަށްވި މިންވަރެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއިއެކު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މި އަހަރު 65 އިންސައްތަ ދަށްވެ، ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.