ރާއްޖޭގެ ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 1 މިލިއަން މާސްކު ޔޫ.އެން.ޑީ.ޕީން ހަދިޔާކޮށްފިއެވެ.
ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީން މި މާސްކްތައް ހަދިޔާ ކުރުމަށް ނިންމާފައިވަނީ ޔޫ.އެން.ޑީ.ޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.
މި މާސްކުތަކަކީ ޔޫ.އެން.ޑީ.ޕީން ޓިއޯޗިއު އިންޓަރނޭޝަނަލް އާއި ގުޅިގެން ހަދިޔާކުރި ނޮން ސަރޖިކަލް މާސްކް ތަކެކެވެ.
މާސްކުތައް ހަދިޔާކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިިނިސްޓަރ އަބްދުﷲ ޝާޙިދު ވަނީ މި މާސްކުތަކުގެ ސަަބަބުން ކޯވިޑްއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
"ނިއުނޯމަލްގެ ގައިޑްލައިންތަކާއި އެއްގޮތަށް ލޯކަލް ޓުއަރިޒަމް ޞިނާޢަތުގައި ޙަރަކާތްތެރިވާ މުވައްޒަފުން ގެސްޓްހައުސް އޮޕަރޭޓްކުރުމުގައި މި މާސްކުތަކުގެ ސަބަބުން އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށާއި ޕެންޑަމިކުން އަރައިގަތުމަށް ލިބޭ އިތުރު އެހީއެއް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޔޫ.އެން.ޑީ.ޕީން ރާއްޖެމެދު ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. ޚާއްސަކޮށް ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީއަށާއި ޔޫ.އެން.ޑީ.ޕީގެ ޓީމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ކޯވިޑް-19އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދިނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް މީހުން ދިރިއުޅޭ 17 ރަށެއްގައި 71 ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދެއްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިވަޅެއްގެ ގޮތުން ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި އާއްމު ތަންތަނުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.