ވިޔަފާރި

ތުލުސްދޫއިން ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް


ގެސްޓުހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދޭން ފެށިފަހުން ތުލުސްދޫއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންނަށް އެރަށުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ތުލުސްދޫއަށް ފަތުރުވެރިން އައުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިނިސްޓަރ ވަނީ ތުލުސްދޫއަށް އަލުން ފަތުރުވެރިން އަންނަން ފެށުމުން އެކަމާއި މަރުޙަބާ ކިޔާފައެވެ.

ރާއްޖޭގައި ގެސްޓުހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކ.ތުލުސްދޫގެ 4 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 69 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ މީހަތަނަށް ދީފައެވެ. މިއީ ފަތުރުވެރިކަމުގެ 1506 އެނދެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން އަލުން ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ ސަރުކާރުން ދޭން ފަށާފައިވަނީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.