އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ކޯޓަށް ހުށައެޅި ދެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓްތަކުން ނިންމައިފިއެވެ. ކޯޓުން ބޭރުކޮށްލީ ޖޯޖިއާ އާއި މިޝިގަން ސްޓޭޓުގެ ވޯޓާމެދު ސުވާލު އުފައްދާ ހުށައެޅު ދެ މައްސަލައެވެ.
އިންތިޚާބަށް ވަރަށް މުހިންމު ދެ ސްޓޭޓުގެ ގޮތުގައި އޮންނަ ޖޯޖިއާ އަދި މިޝިގަންގައި ޓްރަންޕާއި ބައިޑަންއަށް މިހާތަނަށް ލިބިފައިވާ ވޯޓުގެ ޢަދަދުގައި ހުރީ ވަރަށް ކުޑަ ފަރަގެކެވެ. ޖޯޖިއާގެ ވޯޓުގެ 90 އިންސައްތަ ގުނާ ނިމިފައިވާއިރު 49.5 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވަނީ ރައީސް ޓްރަންޕަށެވެ. އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ 49.3 އިންސައްތައެވެ. ޓްރަންޕުގެ ކެންޕެއިން ޓީމުން ކޯޓަށް މައްސަލަ ހުށައެޅީ ޖޯޖިއާގެ ސްޓޭޓަށް ޕޯސްޓު މެދުވެރިކޮށް ފޮނުވާފައިވާ ވޯޓުތަކުގެ ތެރެއިން ލަހުން ލިބިފައިވާ 53 ވޯޓު ސައްޙަ ވޯޓުތަކާއި އެއްވެފައިވާކަމަށް ބުނެއެވެ.
ބައިޑަންވަނީ 50.6 އިންސައްތައިގެ އަޣުލަބިއްޔަތަކާއެކު މިޝިގަން ސްޓޭޓު ކާމިޔާބުކުރައްވާފައެވެ. މި ސްޓޭޓާއި ދެކޮޅަށް ޓްރަންޕުގެ ޓީމުން ކޯޓަށް ވެއްދި މައްސަލާގައި ބުނީ ވޯޓުލާ މަރުކަޒުތަކުގައި ތިބެ ވޯޓު ގުނުމުގެ މަރުހަލާ ކައިރިން ބެލުމުގެ ފުރުޞަތު ރިޕަބްލިކަން ޕާޓީއަށް ދީފައިނުވާކަމަށެވެ.
އެހެންނަމަވެސް ދެ ސްޓޭޓުގެ ކޯޓުތަކުންވެސްވަނީ ދެ މައްސަލަވެސް ބަލައިނުގަތުމަށް ނިންމާ އަނބުރާ ފޮނުވާލައިފައެވެ. ޖޯޖިއާގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ޖޭމްސް ބާސް ވިދާޅުވީ ޓްރަންޕުގެ ކެންޕެއިނުން ސުވާލު އުފައްދާފައިވާ ވޯޓުތަކަކީ ސައްޙަ ނޫން ވޯޓުތަކެއްކަމުގެ އެއްވެސް ހެއްކެއް ދެއްކިފައިނުވާކަމަށެވެ. ހަމަ އެގޮތަށް މިޝިގަންގެ ކޯޓުގެ ފަނޑިޔާރު ސިންތިޔާ ސްޓެފަންސް ވިދާޅުވީ ޓްރަންޕުގެ ކެންޕެއިނުން ހުށަހަޅާފައިވާ މައްސަލައަށް ބާރުދޭ އެއްވެސް ހެއްކެތް ނެތްކަމަށެވެ. ދެ ކޯޓުގެ ނިންމުމާއި ގުޅޭގޮތުން ޓްރަންޕުގެ ކެންޕެއިނުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޖޯޖިއާ އާއި މިޝިގަންގެ އިތުރުން ބައިޑަން ކުރި ހޯއްދަވަމުންދާ ނެވާޑާގެ ވޯޓުގައިވެސް މައްސަލަ ހުރިކަމަށް ޓްރަންޕުގެ ކެންޕެއިނުންދަނީ ބުނަމުންނެވެ. މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓުލަމުންދާކަމަށާއި ކުލާކު ކައުންޓީ ދޫކޮށް ހިޖުރަކޮށްފައިވާ އެތައް ހާސްބައެއްގެ ވޯޓު ގުނާފައިވާކަމުގެ ޔަޤީންކަން އޮތްކަމަށް އެ ޓްރަންޕުގެ ޓީމުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ހެއްކެއް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.
އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ އިލެކްޓޯރަލް ވޯޓުގެ ތެރެއިން 264 ވޯޓު ބައިޑަން މިހާރުވަނީ ކާމިޔާބުކުރައްވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 214 ވޯޓެވެ. އިންތިޚާބު ކާމިޔާބުކުރައްވާނީ ބައިޑަންކަމަށް ބެލެވިފައިވާއިރު އެއްވެސް އަސާސެއްނެތް މައްސަލަތަކެއް ރައީސް ޓްރަންޕުގެ ފަރާތުން ކޯޓަށް ހުށަހަޅުއްވަމުންދަނީ ގޮތް ހުސްވެގެންކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.