ވިޔަފާރި

ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ދަނީ ބުކިންސް ހައްދަމުން- ޓުއަރ އޮޕަރޭޓަރުން


ކުރިއަށް އޮތް ޑިސެމްބަރު އަދި ޖެނުއަރީމަހަށް ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ބުކިންސް ހައްދަމުންދާކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ.

ޓުރަވަލް އެޖެންޓު ފެޑްރޭޝަން އޮފް އިންޑިއާ އާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ މިދުވަސްކޮޅު އެންމެ ގިނަ އަދަދަކަށް ބުކިންސްތައް ލިބެމުންދަނީ ރާއްޖެއަށާއި ޔޫއޭއީއަށް ކަމަށެވެ.

ކޯވިޑް-19 ގުޅިގެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ދަތުރުފަތުރުކުރުމުގައި ފަތުރުވެރިންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މިއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ދާނެ ތަކެއް ހިޔާރުކުރުމުގައި އެއީ ކިހާވަރަކަށް ރައްކާތެރި މަންޒިލެއްތޯ އާއި ކަރަންޓީންގެ ފިޔަވަޅުތައް ހުރި ގޮތްތައް ޗެކްކުރާ ކަމަށް އިންޑިއާގެ ޓުއަރ އޮޕަރޭޓަރުން ހާމަކުރެއެވެ. އެގޮތުން ރާއްޖެވެފައިވަނީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލަކަށް ކަމަށާއި، މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމަކީ ވަކި ރަށެއްގައި ވަކި ރިސޯޓެއް ހިންގާ ފަތުރުވެރިކަމަކަށްވުމުންކަމަށް ޓުއަރ އޮޕަރޭޓަރުން ފާހަގަކުރެއެވެ.

ރާއްޖެއަށް އައުމަށް ބުކިންސް ހައްދާފައިވާ ފަތުރުވެރިއެއްކަމަށްވާ މުކުންދު ބުނެފައިވަނީ ޗުއްޓީއަށް ރާއްޖެއަށް އައުމަށް ނިންމީ ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުވުމުން ކަމަށެވެ.

" ޤައުމުން ބޭރަށް ޗުއްޓީއަކަށް ދާން ބޭނުންވީ، އިންޑޮނޭޝިއާއަށް ދާން އަސްލު ބޭނުންވީ، އެހެން ނަމަވެސް ކޯވިޑް-19 އާއި ހެދި ރާއްޖެއަށް ދާން ނިންމީ، ގިނަ މައުލޫމާތުތައް ހޯދިން ރާއްޖެއާއި ބެހޭ، ރަށްރަށުގައި ރައްކާތެރިކަމުގެ ރަނގަޅު ފިޔަވަޅުތަކެއް އަޅާކަން ފާހަގަވި،" މުކުންދު ބެނެފައިވެއެވެ.

އިންޑިއާއިން ވަނީ ރާއްޖެއާއެކުވެސް އެއަރ ބަބުލް އެއް ޤާއިމްކޮށްފައެވެ. އަދި މި އެއަރ ބަބުލްއާއެކު ބައެއް އެއަރލައިންތަކުން ދަނީ ދެ ޤައުމުގެ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އެގޮތުން ޖުލައިމަހުގެ 15އިން މިދިޔަ މަހުގެ 28ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 1559 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާ އެކު އެޤައުމަކީ ރާއްޖެއަށް މި މުއްދަތުގައި 7ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.