ސިޔާސީ

ޔޫ.ޕީ.އާރް ސެޝަންގައި ޤާނޫނުއަސާސީއާއި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަންނާނަން : އޭޖީ އޮފީސް


ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫ.ޕީ.އާރުގެ 3 ވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މިހެން ވިދާޅުވެފައިވަނީ ޔޫ.ޕީ.އާރުގެ 3 ވަނަ ސައިކަލްގައި އިއްޔެ ބޭއްވުނު ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު މަރުގެ އަދަބާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ޔޫ.ޕީ.އާރު. ގެ 2 ވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ޤައުމަކުން ހުށަހެޅުންތައް ލިބިފައިވާކަމަށާއި، އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ޤައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ޤައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވުނުކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

2 ވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ހުށަހެޅުންތަކާއި، އިއްޔެގެ ރިވިއު ސެޝަންގެ ކުރިން ލިބިފައިވާ ސުވާލުތަކަށް ބަލައި، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސިޔާސަތު މި ސެޝަންގައި ދިވެހިރާއްޖެއިން ބަޔާންކުރުމަކީ، ކޮންމެހެން މުހިންމުކަމެއްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. އަދި މިކަން އޯޕަނިންގ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައި އެވަނީ، އެހެން ޤައުމުތަކުގެ ހުށަހެޅުންތައް ދިވެހިރާއްޖެއަށް ލިބުމުގެ ކުރިން، މިކަމުގައި ދިވެހިރާއްޖޭގެ ސިޔާސަތު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސާފުކޮށް ހާމަކޮށްދިނުމުގެ ގޮތުންކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީކަމަށާއި، އެޓަރނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ކަންކަމަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ދިވެހި ސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫންއަސާސީއާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާގޮތްކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރަން ފެށުމަށްވުރެ ކުރިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމްކުރުމަށްކަމަށްވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެއްކަމަށާއި، އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވާކަން އޭޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވާކަމަށްވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ، އިއްޔެ ކުރިއަށްދިޔަ ޔޫ.ޕީ.އާރުގެ ދިވެހިރާއްޖޭގެ ސެޝަންގައިވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 29 ޤައުމަކުން ގޮވާލާފައިވާކަމަށާއި، 14 ޑިސެންބަރު 2020 ގެ ކުރިން އެ ހުށަހެޅުންތަކާމެދު ދިވެހިރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހޭކަމަށެވެ. އެހެންނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް ސަރުކާރުން އިޢުލާންކޮށްފައިވާ ފަދައިން، މި ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެކަމަށް އެޓަަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ޔޫ.ޕީ.އާރު އަކީ، ރިވިއުގެ ކޮންމެ ސައިކަލްއެއްގައި އެ ޤައުމަކަށް ލިބޭ ރިކޮމެންޑޭޝަންތައް އެ ޤައުމަކުން ތަންފީޛުކޮށްފައިވާ މިންވަރު، ޖެހިގެން އަންނަ ސައިކަލްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ތަފްޞީލުކޮށްދޭންޖެހޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެކެވެ. ޔޫ.ޕީ.އާރުގެ މިހާރު ކުރިއަށްދާ 3 ވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅަންޖެހެނީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ ޔޫ.ޕީ.އާރުގެ 2 ވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތަކެވެ.