ކުޅިވަރު

ބާސެލޯނާއަށް އުނދަގޫ މޮޅެއް


ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ބާސެލޯނާއަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ ޔުކްރެއިނުގެ ޑައިނަމޯ ކިއޭވްއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ފަސްމިނިޓުގެ ތެރޭގައި ލިބުނު ޕެނެލްޓީއަކުން ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާއަށް ލީޑް ނަގާފައި ވަނިކޮށް މެޗުގައި ބާސެލޯނާ އަށް ލީޑް އިތުރަށް ފުޅާކޮއްދިނީ 65 ވަނަ މިނިޓުގައި ޖެރާޑް ޕީކޭ ކާމިޔާބުކުރި ލަނޑުންނެވެ.

މެސީ ވަނީ ބާސެލޯނާށް މި ސީޒަނުގައި މިހާތަނަށް ޗެމްޕިއަންސް ލީގުގައި ތިން ޕެނެލްޓީ ކާމިޔާބުކޮށްދީފައެވެ. އެހެންނަމެވެސް މިއަހަރު މުބާރާތުގައި އަދި މެސީއަކަށް އޯޕަން ފެލޭއަކުން ބާސެލޯނާއަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގައި ކިއޭވްއިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓުގައި ވިކްޓޯ ސައިޔަންކޯވްއެވެ.

މިމެޗަށް ޑައިނަމޯ ކިއޭވްއިން ބާސެލޯނާއަށް ދިޔައީ ކޮރޯނާ ވައިރަހަށް ޕޮޒެޓިވްވުމުން ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިން ނުލައި 13 ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ. އޭގެތެރޭގައި ޔޫތުޓީމުގެ ހަ ކުޅުންތެރިންވެސް ހިމެނެއެވެ.

ރޭ މި ގުރޫޕްގައި ހަންގޭރީގެ ފްރެންސްވަރޯސް އާއި އިޓަލީގެ ޔުވެންޓަސް ވާދަކުރި މެޗު 4-1 ލަނޑުން ކާމިޔާބުކުރީ ޔުވެންޓަސްއެވެ. މިނަތީޖާއެކު ގުރޫޕްގެ އެއްވަނައިގަ ބާސެލޯނާ އޮތީ ކުޅުނު ތިންމެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސްއަށް ތިންމެޗުން 6 ޕޮއިންޓް ލިބިފަވާއިރު ތިންވަނައިގަ އެއް ޕޮއިންޓާއެކު އޮތީ ކިއޭވްއެވެ. ލަނޑުގެ ތަފާތުން އެއްޕޮއިންޓާއެކު ފްރެންސްވަރޯސް އޮތީ އެއްޕޮއިންޓާއެކު ގުރޫޕްގެ ފުލުގައެވެ.