ވިޔަފާރި

މިދިޔަމަހު ވީއައިއޭގެ އެރައިވަލްސް 31000އިން މައްޗަށް


މިދިޔަމަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އެރައިވަލްސް 31 ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެ އަންނަ އެއަރލައިންތަކާއި މީހުންގެ އަދަދު އިތުރުވަމުންއަންނަކަމަށެވެ. އެމްއޭސީއެލްއިން އާންމުކޮށްފައިވާ އޮކްޓޯބަރުމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން ވީއައިއޭއަށް އައި މީހުންގެ އަދަދަކީ 25520 އެވެ. އަދި ޑޮމެސްޓިކް ފްލައިޓްތައް މެދުވެރިކޮށް އައި މީހުންގެ އަދަދު އުޅެނީ 6416 ގައެވެ. އެހެންކަމުން މިދިޔަމަހުގެ ތެރޭގައި ވީއައިއޭގެ އެރައިވަލްސް އަކީ 31936 އެވެ.

މިދިޔަ މަހުގެ ތެރޭގައި ވީއައިއޭއިން ރާއްޖެއިން ބޭރަށް ފުރާފައިވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު މުޅި މުޖްލަ 22828 މީހުން ވަނީ ފުރާފައެވެ. އަދި ވީއައިއޭއިން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް 6284 މީހުން ވަނީ ފުރާފައެވެ. އެހެންކަމުން މިދިޔަމަހު ވީއައިއޭގެ ޑިޕާޗާސް ވަނީ 29112 އަށް އަރާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާ އަދި ފުރާ ފުލައިޓްތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ވީއައިއޭއަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ ޖުމްލަ އަދަދަކީ 1148 އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި 640 ބައިނަލްއަޤްވާމީ ފްލައިޓަކުން ވަނީ ވީއައިއޭއަށް އައިސް އަދި ގޮސްފައެވެ. އޭގެތެރޭގައި ހިމެނެނީ ޝެޑިއުލްކޮށް އައި 468 ފްލައިޓާއި، ޗާޓަރ އަދި ޕްރއިވެޓް 172 ފްލައިޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން ބުނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޖައްސާ ޕްލައިޓްތަކުގެ އަދަދު މިހާރު އިތުރުވަމުން އަންނަކަމަށެވެ. އަދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދުވެސް އިތުރުވަމުންއަންނަކަމަށް އެމްއޭސީއެލްއިން ބުނެއެވެ.