ޚަބަރު

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުން މުހިންމު: ހިސާން


ދެމެހެއްޓެނިވި ތަރައްޤީއަށް ހިންގާ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ އަސާސްތައް ހިމެނުމަކީ ބޮޑެތި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅެއްކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ "ސުނާމީ އެވެއަރނެސް ޑޭ" ނުވަތަ ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙުސައިން ވިދާޅުވީ ގެއްލުންދެނިވި ބާރުގަދަ ސުނާމީއެއް ކުރިމަތިވުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދެއްކިނަމަވެސް، އެފަދަ ކާރިސާއެއް ރާއްޖެފަދަ ނާޒުކު، ބިންތިރި، ވަޞީލަތްތައް މަދު ޖަޒީރާ ޤައުމަކަށް ކުރިމަތިވުމަކީ އެފަދަ ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ގިނަ އަހަރުތަކެއް ނަގާ ކަމެއްކަމަށެވެ. އަދި ސުނާމީ ފަދަ ކާރިސާއެއް އަތުވެދާނެކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ހޭލުންތެރިވެ ތައްޔާރުވެ ތިބުމަކީ މުޙިއްމު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލުންވެރި މުޖުތަމައެއް ބިނާ ކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކާއި، ޤުދުރަތީ ބިނާވެށި ގެނެސްދެވޭނީ ހުރިހާ ފަންތިއެއްގައިވެސް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވިސްނާ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަސް ސުނާމީ އެވެއަރނެސް ޑޭގެ ގޮތުގައި ފާހަގަކުރުމަށް އ.ދގެ ޖެނެރަލް އެސެމްބްލީން ނިންމާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަދާންތައް އާކުރުމާއި އެ ހާދިސާއިން އިބުރަތް ހާސިލުކޮށް ދުރާލާ ތައްޔާރުވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ސުނާމީ ފަދަ ހާލަތަކަށް ތައްޔާރުވުމަށް މުޖުތަމަޢުގެ ނާޒުކުކަން ކުޑަކުރުމާއި ޤާބިލުކަން އިތުރުކުރުމަށް މުޖުތަމަޢު ބާރުވެރިކުރުވުމާއި ސުނާމީ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަންކަން ކުރާނެ ގޮތްތައް ދެނެގަތުމެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީގެ ބިޔަ ރާޅުތަކަކީ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިން ސުއްނާފަތިކޮށްލި ބިރުވެރި ރާޅުތަކެކެވެ. މި ބިރުވެރި ކާރިސާގައި ދިވެހިންގެ ތެރެއިން އެތައްބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.