ޚަބަރު

ކާރިސާތަކުން ސްކޫލްތައް ރައްކާތެރި ކުރުން މުހިއްމު : އެޑިއުކޭޝަން މިނިސްޓަރ


ރާއްޖޭގެ ސްކޫލްތަކަކީ ކާރިސާތަކަށް، ޚާއްޞަކޮށް ސުނާމީއަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ކަނޑައެޅުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ"ސުނާމީ އެވެއާރނެސް ޑޭ" ނުވަތަ "ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސުނާމީ ފަދަ ކާރިސާތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފެށޭ ފުރަތަމަ މަރުކަޒަކީ ސްކޫލްތައް ކަމަށްވުމަކީ މުހިއްމު ކަމެއްކަމަށާއި އެއީ ކާރިސާތަކާއި ގުޅޭ މަޢުލޫމާތު އެންމެ ފުރަތަމަ ފޯރުކޮށްދެވޭ ތަންތަނަކީ ސްކޫލްތަކަށްވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސުނާމީ ފަދަ ކާރިސާތަކުގައި ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް ނުވަތަ އިވެކުއޭޝަން ސެންޓަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ އެންމެ އެކަށޭނަ ތަންތަނަކީ ގިނަ ރަށްރަށުގައި ސްކޫލްތައްކަމަށެވެ. މިނިސްޓަރ ވަނީ ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނާއި، ބެލެނިވެރިންނާއި ދަރިވަރުން އަދި މުޅި ސްކޫލު މުޖުތަމަޢުއަކީ ކާރިސާތަކަށް، ޚާއްޞަކޮށް ސުނާމީ ފަދަ ކަންކަމަށް ތައްޔާރުވެ ތިބި ބާރުވެރި ބަޔަކަށްވުމަށް އިލްތިމާސް ކުރައްވާފައެވެ.

"ސްކޫލް އިމަރޖެންސީ އޮޕަރޭޝަން ޕްލޭންތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެކުލަވާލައި، އެންޑޯސްކޮށް ތަންފީޒުކުރުން ހިމެނޭ. އަދި ފަޔަރ ޑްރިލް އާއި އިވެކުއޭޝަން ޑްރިލްތައްކުރިއަށް ގެންދެވޭ. މީގެ އިތުރުން ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަފްހޫމް ކަރިކިޔުލަމްގައި ހިމަނާ އެން.ޑީ.އެމް އާއި ގުޅިގެން ރާއްޖޭގެ އަތޮޅުތެރޭ ސްކޫލްތަކުގައި އިޖާބަ ދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދޭ. އަދި އެން.ޑީ.އެމް އިން ރަށްރަށުގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމްގައި ސްކޫލްތަކުން ބައިވެރިވެ ތަމްރީނު ކުރިއަށް ގެންދޭ. މި ހުރިހާ ކަންކަމުން ސްކޫލުތަކުގެ ވިލުންތެރިކަން އިތުރުވެ އެފަދަ ކާރިސާއެއް މެދުވެރިވެއްޖެނަމަ އަވަހަށް އިޖާބަދިނުމަށް ސްކޫލުތައް ތައްޔާރުކުރެވޭ." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

2004 ވަނަ އަހަރު ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި 108 ދިވެއްސަކު ނިޔާވެފައިވެއެވެ. މީގެ ތެރޭގައި ހިމެނޭ ކުދިންގެ ތެރެއިން 32 ކުދިންނަކީ އުމުރުން 3 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނެވެ.

މި ކާރިސާގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ޖުމްލަ 15.5 މިލިއަން ޑޮލަރުގެ ގެއްލުންލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. ސުނާމީ ކާރިސާ ދިމާވިއިރު ރާއްޖޭގައި ހުރި 315 ސްކޫލްގެ ތެރެއިން 114 ސްކޫލަކަށް އަސަރުކޮށްފައިވާކަމަށާއި މީގެ ތެރެއިން 9 ސްކޫލެއް އެއްކޮށް ވީރާނާވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. މިހާދިސާގައި 31 ސްކޫލަކަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށާއި 24 ސްކޫލުގެ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި އެއްކޮށް ހަލާކުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ކާރިސާގައި މާލެއާއި އަތޮޅުތެރޭގެ 28 ސްކޫލެއް ވަނީ ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރެވިފައި. އެކި ގޮތްގޮތުން ސުނާމީގެ އަސަރު 25593 ދަރިވަރުންނަށް ކޮށްފައިވޭ. އަދި ސްކޫލުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 5437 ދަރިވަރުން ވަނީ ކިޔެވުމުން މަހުރޫމްވެފަ. އަދި 1321 ދަރިވަރުންގެ ދިރިއުޅުން ވަގުތީ ހިޔާތަކަށް ބަދަލުވި."އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަ ކުރެވޭ އެއް ސަބަބަކީ ދިވެހިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމަށްވާ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަދާންތައް އާކުރުމާއި އެހާދިސާއިން އިބްރަތް ހާސިލްކޮށް ދުރާލާ ތައްޔާރުވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. އޭގެ އިތުރުން ސުނާމީ ފަދަ ހާލަތަކަށް ތައްޔާރުވުމަށް މުޖުތަމަޢުގެ ނާޒުކުކަން ކުޑަކުރުމާއި ޤާބިލްކަން އިތުރުކުރުމަށް މުޖުތަމަޢު ބާރުވެރިކުރުވުމާއި ސުނާމީ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަންކަން ކުރާނެ ގޮތާއި، ސްކޫލް ފެންވަރުގައި އެފަދަ ކަންކަމަށް ކުރިމަތިލުމަށްހުރި ޕްލޭންތަކާއި، ވަސީލަތްތަކާއި ގޮންޖެހުންތަކާއި ގުޅޭ ގޮތުން، ސްކޫލް މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުންވެސް މިދުވަސް ފާހަގަ ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.