ޚަބަރު

ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން މިހާތަނަށް 76 ބިލެއް މަޖިލީހަށް


ސަރުކާރުން ކަނޑައަޅާފައިވާ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް 76 ބިލެއް ހުށަހަޅުއްވާފައިވާ ކަމަށް ބަންޑާރަ ނައިބް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އދ.ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ ސެޝަންގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނާއިބް ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ މައިގަނޑު މަޤްޞަދަކީ ޝަރުއީ ދާއިރާ އިސްލާހުކޮށް ޤާނޫނުތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުން ކަމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން ބަންޑާރަ ނައިބް ވިދާޅުވީ މި އިސްލާހުތައް މައިގަނޑުގޮތެއްގައި ކަނޑައަޅާފައިވާނީ ކޯޓުތަކުގެ މަސައްކަތްތައް ހަރުދަނާކުރުމާއި އިންސާފާއި ހަމަހަމަކަން ޤާއިމްކުރުމާއި ފަނޑިޔާރުންނަކީ ނަޒާހަތްތެރި ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް އިތުރަށް ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ޝަރީއަތްތައް އާންމުންނަށް ފެންނާނެހެން ވަގުތުން ބްރޯޑްކާސްޓް ކުރަމުންދާކަންވެސް ބަނޑާރަ ނާއިބް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ޑިސްޓްރިކްޓް ކޯޓުތަކެއް ޤާއިމްކޮށް ކޮންމެ ރަށެއްގައިވެސް ހައިކޯޓުގެ ޝަރީއަތްތައް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް ނުފޫޒުން މިނިވަންވެފައިވާ ދާއިރާއަކަށް ހެދުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މި ސަރުކާރުގެ ފަސް އަހަރުދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 22 ދާއިރާއަކުން 201 ބިލު އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބު އެކުލަވާލައްވާފައިވާ މި ލެޖިސްލޭޓިވް އެޖެންޑާގައިވާ ގޮތުން އެންމެ އިސްކަމެއް ދެއްވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތައް ފުރިހަމަކުރުމަށް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.