ޚަބަރު

ވިލާ ކޮލެޖުން އެލްއެލްއެމް ކޮމާޝަލް ލޯ ޕްރޮގްރާމް އިފްތިތާހްކޮށްފި


ވިލާ ކޮލެޖުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ އެލްއެލްއެމް ކޮމާޝަލް ލޯ ޕްރޮގްރާމް އިފްތިތާހްކޮށްފިއެވެ.

ވިލާކޮލެޖްގައި މިކަމަށްޓަކައި ބޭއްވި ހަފްލާގައި މިޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދްނާންއެވެ.

މިޕްރޮގްރާމް އިފްތިތާހްކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ދިވެހިރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ފާހަގަކުރެއްވިއެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ތިބެގެން ކޮމާޝަލް ލޯ އިން މަސްޓަރސް ހެދުމުގެ ފުރުޞަތު ލިބުމަކީ އެދާއިރާއިން ޤާބިލް ދިވެހި ދަރިން އުފެއްދުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިހަފްލާގައި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި ވިލާ ކޮލެޖުން އެލްއެލްއެމް ޕްރޮގްރާމް ފެށުމުގެ މައިގަނޑު އެއް އަމާޒަކީ ޤާނޫނީ ދާއިރާއިން ޤާބިލް ދަރިވަރުންތަކެއް ނެރެދިނުން ކަމަށް ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން އަލްއުސްތާޛާ ޝަބާބު ރަޝީދު މިހަފްލާގައި ދެއްކެވި ވާހަކައިގައި ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ މާސްޓަރސް ޕްރޮގްރާމެއް ހެދުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިއުމަކީ ވަރަށްބޮޑު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިޕްރޮގްރާމް ފުރިހަމަ ކުރުމަށްޓަކައި ދަރިވަރުންނަށް ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްއާއި ވިލާ ކޮލެޖްގެ އޮންލައިން ލައިބްރަރީ ނުވަތަ ރިސޯސަސްތަކަށް އެކްސެސް ލިބި އޭގެ ފައިދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށްވެސް ޝަބާބު ވިދާޅުވިއެވެ.

ވިލާ ކޮލެޖުން އަންނަ 2021 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ޖުމްލަ 102 ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ އެންމެފަހުގެ ތާރީޚަކީ 19 ޑިސެމްބަރު 2020 އެވެ.