ވިޔަފާރި

މިދިޔަމަހު 41000 އަށްވުރެ ގިނަ ބަސްތާ ކާޑު އަތޮޅުތެރެއަށް ފޮނުވި- އެސްޓީއޯ


މިދިޔަމަހުގެ ތެރޭގައި 41 ހާހަށްވުރެ ގިނަ ބަސްތާގެ ކާޑު އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުމަހުގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކަށް 41757 ބަސްތާގެ ކާޑު ވަނީ ފޮނުވާފައެވެ. މިދިޔަ މަހު އަތޮޅުތެރެއިން 506 އޯޑަރެއް ވަނީ ލިބިފައެވެ. އެއީ 18458 ބަސްތާ ހަނޑުލާއި، 5868 ބަސްތާ ހަކުރާއި، 17431 ބަސްތާ ފުށެވެ.

އަތޮޅުތެރޭގެ އިތުރުން މާލޭގެ އެކިއެކި ފިހާރަތަކަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު މާލެއިން ލިބިފައިވާ 2052 އޯޑަރަކަށް ވަނީ ކާޑުގެ ބާވަތްތައް ފޮނުވާފައެވެ. އެއީ ޖުމްލަ 19079 ބަސްތާ ހަނޑުލާއި، 4756 ބަސްތާ ހަކުރާއި، 10748 ބަސްތާ ފުށެވެ.

ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ދަނީ ހަނޑޫ، ހަކުރު، ފުށް މަލޭގެ ސުޕަރމާކެޓްތަކާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން، ރަށްރަށަށް ގެންދިއުމަށް ކާޑުގެ ބާވަތްތައް އޮޑިދޯނިފަހަރާ ހަމައަށް ގެންގޮސްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ.