ވިޔަފާރި

ގައިޑްލައިންތަކަށް އަމަލުނުކުރާނަމަ ޙިދުމަތްދިނުމުގެ ހުއްދަ ބާތިލްކުރާނަން- ޓޫރިޒަމް މިނިސްޓްރީ


ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިން އަދި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުއްވި ސަރކިއުލާއެއްގައި ވިދާޅުވީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވަނީ އެތަންތަނުން ފުރިހަމަކޮށްފައިވާ އެސްއޯޕީތަކާއި، ޓޫރިޒަމް މިނިސްޓްރީ އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ދަށުންކަމަށެވެ. އަދި ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ ގިނަ ތަންތަނުން އެސްއޯޕީތަކަށް އަދި ގައިޑްލައިންތަކަށް އަމަލުކުރަމުންދާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ބައެއް ތަންތަނުން އެސްއޯޕީތަކާއި އަދި ގައިޑްލައިންތަކަށް އަމަލުނުކުރާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ގައިޑްލައިންތަކާއި އެސްއޯޕީތައް ހަދާފައިވަނީ ފަތުރުވެރިންނާއި އެތަނެއްގެ މުވައްޒަފުން އަދި މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިގޮތަށް އަމަލުނުކުރާ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ އެއްވެސް އެންގުމަކާއިނުލާ އެ މިނިސްޓްރީން ބާތިލްކުރާނެކަމަށެވެ. މިކަމުގައި ލިބޭ އެންމެހައި ގެއްލުމަކަށް ޒިންމާވާންޖެހޭނީ އެތަނަކުންކަންވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރިސޯޓްތަކާއި ސަފާރީތައް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، ގެސްޓްހައުސްތައް ހުޅުވާލާފައިވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިހާތަނަށް 117 ރިސޯޓަކާއި، 120 ސަފާރީއަކާއި، 53 ގެސްޓްހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ޙިދުމަށްދިނުމުގެ ހުއްދަ ދީފައެވެ.