ވިޔަފާރި

ފަންސާހަށްވުރެ ގިނަ ގެސްޓުހައުސް އަލުން ހުޅުވުމުގެ ހުއްދަ ދީފި


ފަންސާހަށްވުރެ ގިނަ ގެސްޓުހައުސް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން މިމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވާލުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 5 އަތޮޅެއްގައި ހިންގާ 53 ގެސްޓުހައުސްއެއް ހުޅުމުގެ ހުއްދަވަނީ ދީފައެވެ. މީގެތެރޭގައި އެންމެ ކ. އަތޮޅުގައާއި އއ. އަތޮޅުގައި ހިންގާ ގެސްޓުހައުސްތަކެވެ. އެގޮތުން ކ.އަތޮޅުން 22 ތަނެއް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، އއ. އަތޮޅުންވެސް 21 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ގެސްޓުހައުސްތައް ހުޅުވާލިފަހުން މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް ޖުމްލަ 1210 ފަތުރުވެރިން ރާއްޖޭގެ ގެސްޓުހައުސްތަކަށް އައިސްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މާފުއްޓަށެވެ. އެރަށަށް 548 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.