ކުޅިވަރު

ޔޮޓާގެ ތިންލަނޑާއެކު ލިވަޕޫލުން އެޓްލާންޓާގެ މައްޗަށް ބޮޑު މޮޅެއް



ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ އެޓްލަންޓާ އަތުން 5-0 ލަނޑުން މޮޅުވެ ލިވަޕޫލުން ގުރޫޕް އެއްވަނައިގަ ފަސްޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފިއެވެ.

ރޭގެ މެޗުގައި އެ ޓީމުގެ ތަރިއަކީ ޕޯޗުގީޒުގެ ފޯވާޑް ޑިއޯގޯ ޔޮޓާއެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު އެޓަލަންޓާ ކޮޅަށް، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔޮޓާ ވަނީ ފުރަތަމަ ތިންލަނޑުޖަހާ މެޗުގައި ހެޓްރިކް ހަދާފަ.އެވެ. ހެޓްރިކްގެ އިތުރުން ޔޮޓާ ވަނީ ލިވަރޕޯލަށް ލަނޑުޖަނާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދީފައެވެ.

ޔޮޓާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅުނު ހަތްމެޗުގައި 10ލަނޑުޖަހާފައެވެ. ޔޮޓާއަކީ މިމުބާރާތުގައި ލިވަޕޫލުން ހެޓްރިކް ހެދި 10ވަނަ ކުޅުންތެރިޔާއެވެ. އެންމެފަހުން މި މުބާރާތުގައި ލިވަޕޫލްއަށް ހެޓްރިކް ހެދި ކުޅުންތެރިޔަކީ 2018 ވަނައަހަރު ސަދިއޯ މާނޭއެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އެވެ. މިއީ ޔޫރަޕުގެ މުބާރާތެއްގައި އިނގިރޭސި ކުލަބަކުން ރަށުން ބޭރުގައި އިޓަލީގެ ކުލަބެއްގެ މައްޗަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މި ގުރޫޕްގައި ރޭ ޑެންމާކުގެ މިޓްޔައެލަންޑް އަތުން 2-1 ލަނޑުން އަޔެކްސް ވަނީ މޮޅުވެފައެވެ.

ލިވަޕޫލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އަޔަކްސް އޮތީ ތިން މެޗުން ހަަތަރު ޕޮއިންޓާ އެކުގައެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ފުލުގަ އޮތް މިޓްޔަލެންޑްއަށް ޕޮއިންޓެއް ނުލިބެއެވެ.