ދުނިޔެ

އެމެރިކާގެ އިންތިޚާބު: 'ސްވިންގު ސްޓޭޓުތައް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން ބޮޑު- ޓްރަންޕު


އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ މުހިންމު 'ސްވިންގު' ސްޓޭޓުތަކުން ރަނގަޅު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސްކަމުގެ އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ. ޓްރަންޕު އެހެން ވިދާޅުވީ 'ފޮކްސް އެންޑް ފްރެންޑްސް' ޝޯއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ފާއިތުވި ދުވަސްތަކުގައި ވަރަށް ބުރަކޮށް ކެމްޕެއިނު ކުރުމުގައި ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ރައީސް ޓްރަންޕު އެ ޝޯގައި ފޯނު މެދުވެރިކޮށް ވާހަކަ ދެއްކެވިއިރު އެމަނިކުފާނުގެ އަޑުފުޅުން ވަރުބަލިކަންވަނީ ފާހަގަވެފައެވެ. އެނގިފައިވާ ގޮތުގައި ކެމްޕެއިނު ދަތުރުތައް ނިންމަވާލެއްވުމަށްފަހު ރައީސް ޓްރަންޕު ވައިޓު ހައުސަށް އެނބުރި ވަޑައިގެންފައިވަނީ އެމެރިކާގެ ގަޑިން މެންދަމު 3 ޖެހިފަހުންނެވެ. ފޮކްސް އެންޑް ފްރެންޑްސް ޝޯވއަށް އިންޓަރވިއު ދެއްވާފައިވަނީ ހެނދުނު 7.45ގައެވެ.

ޓްރަންޕު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން އިންތިޚާބުގައި ބަލިކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށެވެ. ޓްރަންޕު ވިދާޅުވީ 'ސްވިންގު ސްޓޭޓު'ތަކުގެ ގޮތުގައި ބެލެވިފައިވާ މުހިންމު ސްޓޭޓުތަކުން އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެކަމަށެވެ. އޭގެ ތެރޭގައި ފްލޮރިޑާއާއި އެރިޒޯނާއާއި ނޯތު ކެރޮލިނާއާއި ޕެންސިލްވޭނިއާ ހިމެނޭކަމަށް ރައީސް ޓްރަންޕު ވިދާޅުވިއެވެ.

ފޮކްސް އެންޑް ފްރެންޑްސް ޝޯގައި ވާހަކަދައްކަވަމުން ރައީސް ޓްރަންޕުވަނީ 2016ވަނަ އަހަރުގެ އިންތިޚާބުގައި ފޮކްސް ނިއުސްގެ ފަރާތުން ލިބުނު މިންވަރަށް މި އަހަރުގެ އިންތިޚާބަށް އެ ޗެނަލުން ތާޢީދުކޮށްފައިނުވާކަމަށް ވިދާޅުވެ ޝަކުވާ ކުރައްވާފައެވެ. މިދިޔަ އިންތިޚާބާއި މި އަހަރުގެ އިންތިޚާބާއި ދެމެދު އޮތް އެންމެ ބޮޑު ފަރަގަކީ އެއީކަމަށް ރައީސް ޓްރަންޕު ވިދާޅުވިއެވެ.

ރައީސް ޓްރަންޕަކީ ރިޕަބްލިކުންގެ ކޮޅަށް ބޮޑަށް ބުރަވާ ފޮކްސް ނިއުސް ޗެނަލަށް ވަރަށް ގިނައިން ބައްލަވާ އަދި ތާޢީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމަވެސް އެ ނޫސް އިދާރާއިން ޓްވިޓާ މެދުވެރިކޮށް ޚަބަރު ގެނެސްދޭގޮތާއި މެދު ރައީސް ޓްރަންޕު ހިތްހަމަޖެހިވަޑައިއެއް ނުގަންނަވައެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް އެ ބޭހެއް ބޭނުންކުރުމުން މާބޮޑު ފައިދާއެއް ކުރާކަމުގެ ހެއްކެއް ފެނިފައިނުވާ ހައިޑްރޮކްސީކުލޮރިކީން ބޭސް ބޭނުންކުރައްވަން ރައީސް ޓްރަންޕު ނިންމެވުމުން ފޮކްސް ނިއުސުންވަނީ އެ ނިންމުމާމެދު ސުވާލު އުފައްދާފައެވެ. އެއާއެކު ރައީސް ޓްރަންޕުވަނީ 'ޚަބަރު ގެނެސްދޭ އެހެން އިދާރާ' އެއް ހޯއްދަވަމުންދާކަމަށް ވިދާޅުވެފައެވެ.

ޓްރަންޕު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން އިންތިޚާބުގައި ބަލިކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށެވެ. ޓްރަންޕު ވިދާޅުވީ 'ސްވިންގު ސްޓޭޓު'ތަކުގެ ގޮތުގައި ބެލެވިފައިވާ މުހިންމު ސްޓޭޓުތަކުން އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެކަމަށެވެ. އޭގެ ތެރޭގައި ފްލޮރިޑާއާއި އެރިޒޯނާއާއި ނޯތު ކެރޮލިނާއާއި ޕެންސިލްވޭނިއާ ހިމެނޭކަމަށް ރައީސް ޓްރަންޕު ވިދާޅުވިއެވެ.