ޚަބަރު

ޝިރުމީނާ ރަހީނު ކުރިކަމަށް ބެލެވޭ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


މިދިޔަ ހޮނިހިރު ދުވަހު ގެއްލިގެން ހޯދަމުން ދިޔަ ޝިރުމީނާ އަބޫބަކުރު ރަހީނުކުރިކަމަށް ބެލެވޭ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ޝިރުމީނާ ގެއްލިގެން ހޯދަމުންދަނިކޮށް އޭނާވަނީ އަމިއްލައަށް ގެޔަށް ގޮސްފައެވެ. އޭނާ ރަހީނުކުރިކަމަށް ބެލެވިގެން އެ މައްސަލަ ފުލުހުން ތަހުޤީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ އިއްޔެއެވެ.

ޢުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރު ގެއްލިގެން ފުލުހުން އޭނާ ހޯދަންފެށީ ހޮނިހިރު ދުވަހު މެންދުރުންފަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވާކަމުގެ ރިޕޯޓު ލިބިގެންނެވެ.

ފުލުހުން ވިދާޅުވީ ބަޔަކު މީހުން ޝިރުމީނާ ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިނގާފައިވާކަމަށް ބެލެވޭކަމަށެވެ. އަދި އޭނާއަށް އަނިޔާކޮށް ބްލެކްމެއިލްކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާކަމަށް ބެލެވޭތީ އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ގެންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެއެވެ.