ޚަބަރު

ދޫނިދޫގައި ސާފު ބޯފެން ނުލިބޭކަމަށް ބުނެ ބަޔާން ނެރުނީ ހަގީގަތް އޮޅޭގޮތަށް - ފުލުހުން


ދޫނިދޫގައި ސާފުބޯފެން ލިބެން ނެތްކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއްކަމަށް ފުުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައިތިބޭ މީހުން ބުއިމަށާއި ސާފުތާހިރުވުމަށް ބޭނުންކުރަމުންދަނީ ނަޖިސް ފެންކަމަށާ، އެކަން ރަނގަޅުކުރުމަށް އެންގި މުއްދަތު ފާއިތުވިނަމަވެސް ރަނގަޅުކޮށްފައިނުވާތީ ފުލުހުންނަށް ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ ދޫނިދޫގައި ސާފު ބޯފެން ލިއްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން ފޯރުކޮށްދެވެމުންދާކަމަށެވެ.

މިގޮތުން ފޯރުކޮށްދެވޭ ފެނަކީ ދޫނިދޫގައި ބަންދުކުރެވޭ ގައިދީންނާއި އަދި އެތަނުގައި ޑިއުޓީކުރާ ފުލުހުންނާއި އެހެންވެސް ބޭނުންތަކުގައި ދޫނިދުއަށް އައިސް ގޮސްވާ ހުރިހާ އެންމެންވެސް ބޭނުންކުރާ ފެނެއްކަމަށެވެ.

އެޗް.އާރް.ސީ.އެމްގެ ފަރާތުން ދޫނިދުއަށްކުރި ޒިޔާރަތުގައި އެތަނުގެ ފެން ޓެސްޓްކުރިއިރު ބައެއް ގޮޅިތަކުން ނެގުނު ފެނުގައި "ކޮލިފޯމް" ހުރިކަމަށް ފާހަގަކޮށް، 72 ގަޑިއިރުގެ މުހުލަތެއް ދީ 27 އޮކްޓޫބަރ 2020ވަނަ ދުވަހު ސިޓީއަކުން އެންގުމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެތަނުގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމާއި ފެން ސާފުކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި، އެއްވެސް އެސެޓެއް ގަތުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަހޯދަންޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ރެވެމުންދަނިކޮށް، ފުލުހުން މިކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ބަޔާންކޮށް އެޗް.އާރް.ސީ.އެމުން ނޫސްބަޔާނެއް ނެރެފައިވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށްކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.