ދުނިޔޭގެ ވިޔަފާރި

މުއްސަނދިންގެ އަތުން ޓެކްސް ނަގަން އޮމާންގައި ފަށަނީ


2022 ވަނަ އަހަރު ފެށިގެން މުއްސަނދިންގެ އާމްދަނީން ޓެކްސް ނެގުމަށް އޮމާންއިން ތައްޔާރުވާން ފަށައިފިއެވެ.

އަރަބި ޤައުމުތަކަކީ އެއްވެސް ބާވަތެއްގެ ޓެކްސްއެއް އާއްމުކޮށް ނަގާ ޤައުމުތަކަކަށް ނުވިޔަސް، ކޯވިޑްއާއި ތެލުގެ ވިޔަފާރިއަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން ބައެއް އަރަބި ޤައުމުތަކުންވެސް މިހާރު ދަނީ ޓެކްސް ނެގުމަށް ތައްޔާރުވަމުންނެވެ.

2022 ވަނަ އަހަރު އޮމާންގެ މުއްސަނދިންގެ އަތުން ޓެކްސް ނެގުމަށް ތައްޔާރުވަމުންދާއިރު، މިއީ ކޯވިޑްގެ ސަބަބުން ބޮޑުވެފައިވާ އެޤައުމުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިފިޔަވަޅުގެ ސަބަބުން 2024 ވަނަ އަހަރާ ހަަމައަށް ދާއިރު އެޤައުމުގެ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 19 ޕަސަންޓުން 1-7 ޕަސަންޓަށް ކުޑަކުރެވޭނެކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ޚަރަދުކުރާނީ އިޖްތިމާޢީ މަސައްކަތްތަކަށްކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން އޮމާންގައި ޓެކްސް ނަގާނީ މުއްސަނދިންގެ އާމްދަނީން ކަމަށްވިޔަސް، ޓެކްސް ނަގާނީ ކޮން އުސޫލަކުންކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިންވެސްޓަރުންނާއި ލޭބަރުން ގިނަ ކުރުމަށްޓަކައި ޢަރަބި ޤައުމުތަކުގައި ޓެކްސްއެއް ނުނަގައެވެ. ނަމަވެސް 2014 ވަަނަ އަހަރު ތެލު ވިޔަފާރި އަޑި އަޅާލުމާ ގުޅިގެން ޢަރަބި ޤައުމުތަކުންވެސް ދަނީ ޓެކްސްތައް ތަޢާރަފްކޮށް، އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަމުންނެވެ.