ވިޔަފާރި

ގެސްޓުހައުސްތައް ހުޅުވާލިފަހުން އެންމެ ގިނަ ފަތުުރުވެރިން އައީ މާފުއްޓަށް


ގެސްޓުހައުސްތައް އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އައީ ކ. މާފުއްޓަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް ޖުމްލަ 1210 ފަތުރުވެރިން ރާއްޖޭގެ ގެސްޓުހައުސްތަކަށް އައިސްފައިވެއެވެ. އަދި މީގެތެރެއިން 548 ފަތުރުވެރިން އައިސްފައިވަނީ މާފުއްޓަށެވެ.

ކ. މާފުއްޓަކީ ރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސްވެސް ހުންނަނީ މާފުށީގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް 13 ރަށެއްގެ ގެސްޓުހައުސްތައް ވަނީ ހުޅުވާފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ އއ. ތޮއްޑޫގައެވެ. އެރަށުގެ 9 ގެސްޓުހައުސްއެއް އަލުންވަނީ ހުޅުވާފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް ހުޅުވާފައިވަނީ ކ. ހުރާ އަދި ކ. މާފުށީފައެވެ. މި ދެ ރަށުގައިވެސް 8 ގެސްޓުހައުސެއް ވަނީ އަލުން ހުޅުވާފައެވެ.

މާފުށީގެ އިތުރަށް ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީވެސް މި ދެ ރަށަށެވެ. އެގޮތުން މިމުއްދަތުގައި ކ.ހުރާއަށް 138 ފަތުރުވެރިން އައިސްފައިވާއިރު، އއ. ތޮއްޑޫއަށް އައިސްފައިވަނީ 112 ފަތުރުވެރިންނެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން މިމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވާލުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.