ޚަބަރު

ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަމާއި ވަޞީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފައި - މިނިސްޓަރ މާރިޔާ


މިއަދު، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަމާއި ވަޞީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެ ކުރިއަރާފައިކަމަށް، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާޞަބަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެއްވި ޚިތާބުގައި ވިދާޅުވީ 3 ނޮވެމްބަރުގެ ޙާދިސާ ކުރިމަތިވިއިރު، ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅާބަލާއިރު ވަރަށް ތަފާތުކަމަށެވެ. އެހެންނަމަވެސް އެދުވަހު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ އަބްޠާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ޙައްޤުކަމަށެވެ.

"އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ސާބަސް ޙައްޤު. ހަމަ އެހެންމެ، 3 ނޮވެމްބަރުގައި، އޭރުގެ ސަރުކާރުން އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމަށް އެދުމުން، އެޤައުމުން ދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިޔާއަށް މި ފުރުޞަތުގައި، ޝުކުރު އަދާކުރަން" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. މިއަދު، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަމާއި ވަޞީލަތްތައް ވަނީ އެތައް ގުނައެއް ފުޅާވެފައިކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމަ އެއާއެކު، ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ލޯތްބާއި މަގުބޫލުކަންވެސްވަނީ އިތުރުވެފައިކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ކަޅު ޞަފްޙާއެއް ކަމަށެވެ. އަދި އެދުވެހުގެ އުދުވާނީ ހަމަލާގައި ކުށެއްނެތް އެތައް ބަޔަކު ޒަޚަމްވެ، 19 ދިވެހިން ޝަހީދުވެގެން ގޮސްފައިވާކަމީ މިޤައުމު ތާއަބަދަށް އެހިތާމާ އާކުރާނެ ދުވަހެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.